ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްގީކޮށް ދިވެހި ކޮންމެ ރައްޔިތަކީ ހިއްސާދާރަކަށް ހަދަނީ!
5 ފެބްރުއަރީ 2026 - 06:52

ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްގީކޮށް ދިވެހި ކޮންމެ ރައްޔިތަކީ ހިއްސާދާރަކަށް ހެދުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ސަރުކާރުން ނިންމާފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ ސީދާގޮތެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޖީބަށް ވަންނާނެ ގޮތް ހެދުމަށްޓަކައި، ކޮންމެ ރައްޔިތަކީ ރިސޯޓު ހިއްސާދާރަކަށް ހަދައި ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށެވެ.

Ad by Hajj Corporation
މިކަން އިއުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 54 އަހަރު ވެފައިވާއިރު، މި ސިނާއަތުން ލިބޭ ނަފާ ރައްޔިތުންގެ ޖީބަށް ސީދާގޮތެއްގައި ވަންނާނެ މަގެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރާ ސިނާއަތް ކަމަށްވާއިރު، އެ ވަސީލަތްތަކުގެ ހަގީގީ މިލްކުވެރިންނަކީ ރައްޔިތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއީ ރާއްޖޭގެ ގުދުރަތި ރީތިކަމުގައިވާ ރީތި ގޮނޑުދޮށްތަކާއި، ފަރުތަކާއި ކަނޑުތައް ފަދ ގުދުރަތީ އެސްޓްތައް އެންމެ ބޮޑަށް ބޭނުންކުރަމުންދާ އަދި މަދު ހާލަތެއްގައި މެނުވީ އިއާދަނުކުރެވޭ ފަަދަ ބަދަލުތަކެއް އެ އެސެޓްތަކަށް ގެނެސްފައިވާ އަދި ގެންނަމުންދާ ސިނާއަތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި، އެހެންކަމުން ގުދުރަތީ އެސެޓްތަކުގެ ހަގީގީ މިލްކުވެރިންކަމުގައިވާ ދިވެހި ރައްޔިރުންނަށް ސީދާ ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތެއް ނިޒާމީ ގޮތެއްގައި ހަމަޖެހިގެންދިއުމަކީ އެންމެ އަދުލުވެރި ގޮތެވެ.
މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، ދިވެހި އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކީ މި ރިސޯޓުތަކުގެ ހިއްސާދާރަކަށް ވާނެކަން ވަކި ގާނޫނަކުން ކަނޑައަޅާނެ ކަމަށެވެ. އަދި މި ރިސޯޓުތަކުން ލިބޭ އާމުދަނީގެ ބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއް ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަންދާޒާއަކީ މި މަޝްރޫއުގެ ދަށުން 2030 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ އެކައުންޓަށް މި ފައިސާ ޖަމާކުރަން ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިސާބުތަކުން ދައްކާގޮތުގައި، އެވްރެޖްކޮށް ކޮންމެ ދިވެހި ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ ކަމަށްވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ސީދާ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިގެންދާނެ ފުރަތަމަ ފަހަރު ކަމަށެވެ.


