1 ބިލިއަން ޑޮލަރާއެކު، ރާއްޖޭގެ ރިޒާވްގައި ރެކޯޑް އަދަދެއް ހުރިކަން ރައީސް ހާމަކުރައްވައިފި
5 ފެބްރުއަރީ 2026 - 05:13

މިދިޔަ އަހަރު އެސްޑީއެފަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލު ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ އަހަރު ތަންފީޒު ކުރި ޑޮލަރު ސިޔާސަތުގެ ސަބަބުން، އެމްއެމްއޭއަށް 492 މިލިއަން އެމެރިކާ ޑޮލަރު ޖަމާކުރި ކަމަށާއި އެއާއެކު ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާފައިވާކަމަށެވެ. އަދި އެއީ ރާއްޖޭގެ ތާރީޚުގައި އެންމެ މައްޗަށް ރަސްމީ ގްރޮސް ރިޒާވް ދިޔަ އަހަރުކަން ވެސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މީގެއިތުރުން އެސްއެމްއީ ކުރިއަރުވަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮންލައިން ޕޭމެންޓް ސިސްޓަމެއް ނެތުން ކަމަށާއި، އެކަމަށް ރާއްޖެއަށް ތައާރަފު ކުރާ ޕޭޕަލްގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި އުފެއްދުމެއް ކަމަށްވާ ސްވިފްޓް ވެސް މިހާރު، ބައިނަލްއަގުވާމީ ޕޭމެންޓް ނިޒާމެއްގެ ގޮތުގައި ތައާރަފުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ކުދި އަދި މެދު ފަންތީގެ ދާއިރާއަށް އިސްކަންދީގެން މި ސަރުކާރުން ކުރިއަށްދާ ކަމަށާއި މިހާތަނަށް 349 މިލިއަން ރުފިޔާ އެސްއެމްއީތަކަށް ދޫކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލްތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދެއްކި ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަހަރުވެފައިވާ 882 މިލިއަން ރުފިޔާގެ ބިލްތަކަށް، މިހާތަނަށް 469 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ސުކޫކުގެ 150 މިލިއަން ޑޮލަރު ދައްކަނީ އެސްޑީއެފުން ކަމަށާއި، ބާކީ ބައި ރީފައިނޭންސް ކުރުމަށް މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ފާއިތުވި ސަރުކާރުތަކުން ޖެއްސި 'ދަރަނި ދަންތުރައިން' ސަލާމަތް ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭޕްރިލް މަހުގެ ދަރަނި ދައްކާނީ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުވާ ގޮތަށް ކަމަށާއި ދައުލަތުން ދަރަނި ދައްކަން އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އެސްޑީއެފް ތަރައްގީކުރަމުން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އައިއެމްއެފްއިން ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން 2023 ގައި ތައްޔާރުކުރި ރިޕޯޓުގައި އޮތީ ދަރަނި ނުދެއްކުމުގެ ބިރު ބޮޑުވެފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ސަރުކާރުން އައިސް އިގުތިސާދީ ފިޔަވަޅު އަޅައި، ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަން މިހާރު ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ފާހަގަކުރާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ 40 ހަފުތާގައި ބަޖެޓު ސާޕްލަސްގައި ހިފެހެއްޓިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ބޮޑު ދަރަނި ނަގައި، ފައިސާ ޗާޕުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން މި ސަރުކާރުން އިގުތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.


