ދިވެހި ސަގާފަތް ތަޖުރިބާކުރެވޭ ގޮތަށް އުސްގެކޮޅު ދާރުލްއާސާރަކަށް ބަދަލުކުރަނީ
5 ފެބްރުއަރީ 2026 - 05:49

އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ނުވަތަ ދިވެހި ސަގާފަތް ތަޖުރިބާކުރެވޭ ގޮތަށް ދާރުލްއާސާރަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާ މި އަހަރު ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވި ރިޔާސީ ބަޔާނުގައެވެ.
އުސްގެކޮޅު "އިމަރސިވް މިއުޒިއަމެއްގެ" ގޮތުގައި ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިޔާދަ ކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްގީކުރުމާއި، ދިވެހީންނަށް އޭގެ ހަގީގީ މާނައިގައި ތަރިކަ ރައްދު ކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރައްވާ މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ތަރިކައިގެ ދާއިރާ ތަރައްގީކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ރައީސް ވިދާޅުވީ އުތީމު، ތަކަންދޫ އަދި ބާރަށުގައި ތަރިކަ ރައްކާތެރި ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ދިވެހި ޒަމާންވީ ރަށްވެހިކަމުގެ ހަޟާރާތުގެ ހައިސިއްޔަތުން ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޝަރަފުވެރި ކުރުމުގެ ގޮތުން ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހި ހިރިގަލުގެ މިސްކިތްތަކާއި، ގަލުވަޑާން ދަފްތަރު ކުރުމަށް ކުރަންޖެހޭ ދިރާސާގެ މަސައްކަތްތައްކޮށް ނޮމިނޭޝަން ފައިލް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ އިންޓަރެކްޓިވް އިމާރސިވް މިއުޒިއަމް، އުސްގެކޮޅާއި އެ ގެ ހިމެނޭ ސަރަޙައްދު ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި އަހަރު ތެރޭގައި މި ތާރީޚީ ޑިޖިޓަލް ދާރުލް އާސާރުގެ މަސައްކަތް ނިންމާ ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation


