ހޯޕް އައިލެންޑަށް މިއަހަރު ގައިދީން ގެންދަން ފަށަނީ
5 ފެބްރުއަރީ 2026 - 12:08

ރާއްޖޭގެ ޖަލުތަކުގެ ނިޒާމު އިސްލާހުކޮށް، ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން މަޝްރޫއުގެ ދަށުން، "ހޯޕް އައިލެންޑް" ނުވަތަ އޯޕަން ޕްރިޒަން އައިލެންޑަށް މިއަހަރުގެ ނިޔަލަށް ގައިދީން ގެންދަން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އޯޕަން ޕްރިޒަން ކޮންސެޕްޓަށް ތަރައްގީކުރާ މި ރަށުގެ އުމްރާނީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށެވެ.

Ad by Hajj Corporation
މުޅި ރަށަކީ ޖަލެއްގެ ގޮތުގައި ކަނޑައަޅައިގެން ތަރައްގީކުރާ މި ރަށުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ މިހާރު ވަނީ ހަވާލުކުރެވިފައެވެ.
މި ރަށަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިމަމް ސެކިއުރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ ފަރާތްތަކެވެ. އެތަނުގައި ގައިދީންނަށް ދަނޑުވެރިކަމާއި އެކި ކަހަލަ މަސައްކަތްތައް ދަސްކޮށްދީ، މުޖުތަމަޢަށް ބޭނުންތެރި ބައެއްގެ ގޮތުގައި އެމީހުން ބިނާކުރުމަށް އިސްކަންދެވޭނެއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރިހެބިލިޓޭޝަންގެ ސިޔާސަތަށް ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުން، އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިވެ އަޚުލާގު ހިފަހައްޓާ ގައިދީންނަށް، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ޖަލު ހުކުމުން އިތުރު ދުވަހެއް ކެނޑޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ ފަރުވާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މެއި މަހުން ފެށިގެން ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރޭގައި އިސްލާމީ ތަރުބިއްޔަތުގެ ފިލާވަޅުތައް ހިމެނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަމުގައި ރީހެބިލިޓޭޝަން މަރުކަޒުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


