މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މުހިންމު މަސައްކަތެއް ޗައިނާގެ ކުންފުންޏަކަށް
5 ފެބްރުއަރީ 2026 - 14:09

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތެއް ވަނީ މިއަދު ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެކަމުގެ އެއް ހެއްކަކީ ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރައްވާނެ ކަަމަށް ވިދާޅުވުމެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތަށް، އެމް.ޕީ.އެލް އިން ވަނީ މިއަދު ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސީ.އެޗް.އީ.ސީއާ ހަވާލުކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ސީ.އެޗް.އީ.ސީން މި މަސައްކަތް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރުމަށްފަހު، ދެ ފަރާތުން އެއްބަސްވެވޭ އަގެއްގެ މައްޗަށް، މި ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ރިޝްވާން ވިދާޅުވީ "މިއަދަކީ އެމް.ޕީ.އެލްގެ ތާރީހުގައި މުހިންމު ދުވަހެއް" ކަމަށެވެ. އަދި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތާއި، އާންމު ރައްޔިތުންގެ ހައްގުގައިވެސް ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ (ރިޔާސީ ބަޔާނުގައި) ވަރަށް އިތުބާރާއެކު ވިދާޅުވީ ދިވެހިރާއްޖޭގެ ބަނދަރު 2027ގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމައި، ހުޅުވެނެ ވާހަކަ،" ރިޝްވާން ވިދާޅުވިއެވެ. "އެމް،ޕީ.އެލްގެ އުމުރުން 39 ފުރި، 40 އަހަރަށް ދަތުރުކުރަމުންދާއިރު، މި ކުންފުނީގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންގެވެސް އެއް އުންމީދަކީ އާ ޕޯޓަކަށް ބަދަލުވުން. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނާ މި ހަވާލުކުރީ ވަރަށް ބޮޑު ޒިންމާއެއް."
ރިޝްވާން ވިދާޅުވީ އެމް.ޕީ.އެލްގެެ ހުރިހާ މުވައްޒަފުން ގުޅިގެން، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ އަމާޒު ހާސިލްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
"މާތްﷲގެ ވާގިފުޅާއެކު މި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް މި މަސައްކަތުގައި ބައިވެރިވެ، ގުޅިގެން މަސައްކަތްކޮށްގެން މި މަަސައްކަތް އަޅުގަނޑު މި އަމާޒު ހާސިލްކުރުމަށް މަސައްކަތްކުރާނަން. މިއީ ރައްޔިތުން ހައްގުގައި، (ވިޔަފާރި އާއި އިޤްތިސާދީ) ސިނާއާތުގެ ހައްގުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް،" ރިޝްވާން ވިދާޅުވިއެވެ.


