ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
6 ފެބްރުއަރީ 2026 - 04:41

ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ގަވަރުނަރު ޖެނެރަލް ޑޭމް ސިންޑީ ކީރޯ އާއި ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވައިޓަންގީ ދުވަހަކީ ނިއުޒިލެންޑުގެ އެއްބައިވަންތަކަމާއި ތަރައްޤީއަށްޓަކައި ސިންދަފާތު މުޖުތަމަޢެއް ބަލައިގަތުން ފާހަގަކުރާ ދުވަހެއްކަމަށެވެ. އަދި އެޤައުމަށް ހަމަޖެހުމާއި ލާބަޔާއި މަންފާއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއާއި ނިއުޒިލެންޑާ ދެމެދު ގާއިމުކޮށްފައިވާ ގާތް ގުޅުން، ކުރިއަށް އޮތްތަނުގައިވެސް ދެޤައުމަށްވެސް ފައިދާވާނެ ކަންކަމުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ނިއުޒިލެންޑުން ވައިޓަންގީ ދުވަސް ފާހަގަކުރަނީ 1840 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ނިއުޒިލެންޑުގެ މައުރީ ނަސްލުގެ މީހުންނާމެދު އެ ޤައުމުގައި އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރު ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކުރި ދުވަހާ ގުޅުވައިގެންނެވެ. ނިއުޒިލެންޑުގެ ޤައުމީ ދުވަހުގެ ގޮތުގައިވެސް ފާހަގަކުރާ މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1934 ގައެވެ.

Ad by Hajj Corporation


