''ދައުލަތް ހިންގުމުގެ އިސްލާމީ އުސޫލު އިސްކޮށް އިސްލާމީ ދާއިރާއިން ކާމިޔާބު ގިނަގުނަ މަސައްކަތްތައް ކުރުމުގައި ފަސްޖެހުމެއްނެތް''
6 ފެބްރުއަރީ 2026 - 06:09

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި، ސަރުކާރުގެ އެންމެ އިސް ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެއްވީ އިސްލާމީ ދާއިރާ ހަރުދަނާކުރުމެވެ. ދައުލަތުގެ ހުރިހާ ކަމެއް އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ގައުމިއްޔަތެއް ބިނާކުރުމަށް ފާއިތުވި އަހަރު ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެކަންކަމުތަފްސީލް ވެސް ވަރަށް ސާފުކޮށް ދެއްވިއެވެ.
މިސްކިތްތަކާއި އިސްލާމީ ބިނާތައް ތަރައްޤީކުރުން

Ad by Hajj Corporation
ދިވެހީންގެ ދެދުނިޔޭގެ ސަލާމަތް ކަމުގައިވާ އިސްލާމްދީނުގެ މަތިވެރި ބިނާތަކަކީ އިސްލާމީ ޙަޟާރަތުގެ ރަމްޒުތަކެއް ކަމަށް ސަރުކާރުން ދެކެއެވެ. މިގޮތުން ވޭތުވެދިޔަ އަހަރު މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ޤުރުއާން މަރުކަޒުތަކުގެ އިތުރުން ވަޤުފު ބިނާތައް ހިމެނޭހެން ޖުމްލަ 90 މަޝްރޫޢެއްގެ މަސައްކަތް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި 10 ރަށެއްގެ މިސްކިތް ނިންމައި މިހާރު ވަނީ ހުޅުވާފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވުމަށް ވަނީ އަމާޒު ހިފާފައެވެ.
މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ވޭތުވެދިޔަ އަހަރު 19.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއަހަރުގެ ބަޖެޓުގައި އެކަމަށް 15 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއަހަރުގެ ތެރޭގައި އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ބިނާކުރުމާއި، 17 ރަށެއްގައި އާ މިސްކިތް އެޅުމުގެ މަސައްކަތް ފެށޭނެއެވެ. މީގެ ތެރޭގައި ހުޅުމާލޭގައި ބިނާކުރާ "ގްރޭންޑް މިސްކިތް" ވެސް ހިމެނެއެވެ. މީގެ އިތުރުން، މާލޭގެ 4 މިސްކިތެއް ރަމަޟާން މަހުގެ ކުރިން އޭސީ ކުރުމަށް ވަނީ ނިންމާފައެވެ.
ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި ޙާފިޡުންނަށް ދޭ އަހައްމިއްޔަތު
ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ދޭ ޤަދަރު އުފުލުމުގެ ގޮތުން، ޙާފިޡުންގެ އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. 2025 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ޙާފިޡުން (30 ޙާފިޡުން) ދަސްވެނިވި އަހަރެވެ. ސަރުކާރުގެ އަމާޒަކީ 2028 ގެ ނިޔަލަށް ހުރިހާ ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވުމެވެ.
ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ހުރިހާ ޚަރަދެއް ސަރުކާރުން ބަލަހައްޓާ ގޮތަށް ހަމަޖައްސައި، ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ އިނާމު ވަނީ ދެގުނަ ކުރެވިފައެވެ. އަދި މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ޕީ.އެޗް.ޑީ އާ ހަމައަށް ކިޔެވުމުގެ ޚާއްޞަ ސްކޮލަރޝިޕެއް ދިނުމަށް ވަނީ ނިންމާފައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށް ޚާއްޞަ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެއެވެ.
ޙައްޖާއި ޢުމްރާގެ އިންތިޒާމުތައް ހަރުދަނާކުރުން
ދިވެހި ޙައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމަށް 'މައްކާ ރޫޓް އިނީޝިއޭޓިވް' ގައި ރާއްޖެ ބައިވެރިވެ، ޒަމާނީ ފަސޭހަތަކެއް ވަނީ ހޯދައިދީފައެވެ. މިނާގައި ދިވެހިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު 'ބީ' ކެޓަގަރީއަށް މަތިކޮށް، ހައިސްޕީޑް ރޭލުގެ ޚިދުމަތާއެކު ދަތުރުގެ ވަގުތު ވަނީ ބޮޑުތަނުން ކުރުކޮށްފައެވެ. ޙައްޖުވެރިންނަށް ހިލޭ ބޭސްފަރުވާގެ އިންތިޒާމާއި މެޑިކަލް ކްލިނިކެއްގެ ޚިދުމަތް ގާއިމްކޮށްފައިވަނީ އިތުރު އަގަކާ ނުލައެވެ. މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް 100 އިންސައްތަ ފުރިހަމަކުރި ފުރަތަމަ 8 ޤައުމުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ.
ޒަކާތުގެ ނިޒާމު ހަރުދަނާކުރުން
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 'ޒަކާތުގެ ޤާނޫނު' ވުޖޫދުކޮށް، ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ވަނީ ބޮޑުކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނިމިދިޔަ އަހަރު ޒަކާތުގެ ގޮތުގައި 107 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައިވެސް އެންމެ ގިނައިން ޒަކާތް ދެއްކި އަހަރެވެ.
ދައުލަތް ހިންގުމުގެ ހުރިހާ ކަމެއްގައި އިސްކޮށްފައި ވަނީ އިސްލާމީ އުސޫލުތައް
ދައުލަތް ހިންގުމުގެ ހުރިހާ ކަމެއްގައި އިސްލާމީ އުސޫލުތައް އިސްކުރުމަކީ މި ސަރުކާރުގެ އެންމެ ވަރުގަދަ ސިޔާސަތެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ އެންމެ އިސްވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމަކީ ދީނީ އުސޫލުތަކާ އެއްގޮތަށް ދައުލަތް ބައްޓަންކުރުމެވެ. މި ސިޔާސަތު ތަންފީޒުކުރުމުގައި ދީނާ ސިޔާސަތު ވަކިކުރުމުގެ ފިކުރަށް މި ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެކަން ވަނީ ހާމަކުރައްވާފައެވެ.


