ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިމިއްޖެ
6 ފެބްރުއަރީ 2026 - 09:47

ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް މިއަދު ނިމިއްޖެއެވެ.
ބަނޑޮސް އައިލެންޑް ރިސޯޓްގައި 3-5 ފެބުރުވަރީ 2025 އަށް ބޭއްވި މި ފޯރަމްގައި ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭ ރަށްތަކުގެ ކައުންސިލުތަކުން ބައިވެރިވިއެވެ. މީގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ އެން.ޖީ.އޯ ތަކާއި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި. އެހެނިހެން ޤައުމުތަކުގެ ޑެލިގޭޓުން ހިމެނޭގޮތަށް، ޖުމްލަ 100 އަށްވުރެ ގިނަ ފަރާތްތަކުން މި ފޯރަމްގައި ބައިވެރިވިއެވެ.

Ad by Hajj Corporation
މި ފޯރަމް ކުރިއަށްގެންދިޔައީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި، އިނގިރޭސި ވިލާތުގެ އޯޝަން ކަންޓްރީ ޕާރޓްނަރޝިޕް ޕްރޮގްރާމް (އޯ.ސީ.ޕީ.ޕީ) އާއި، އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)އާއި އަދި މޯލްޑިވްސް ރެޒިލިއަންޓް ރީފްސް (އެމް.އާރ.އާރ) ގުޅިގެންނެވެ.
މި ފޯރަމްގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ބެހޭގޮތުން ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީއިން އެކުލަވާލައިފައިވާ ކުންމިންގ މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވާރކްގެ 30x30 ލަނޑުދަނޑި އަށް ވާސިލުވުމަށްޓަކައި ދިވެހިރާއްޖެއިން އެކުލަވާލަމުންދާ ރޯޑްމެޕް ތަންފީޒު ކުރާނެގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ރާއްޖެގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުމާއި، އެތަންތަނުން ތިމާވެއްޓަށާއި އާއްމުންނަށް އެންމެ އެކަށޭނަ ގޮތަކަށް ފައިދާ ލިބޭނެ ގޮތަކަށް މަސައްކަތްތައް މުސްތަގުބަލުގައި ކުރިއަށް ގެންދާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މީގެއިތުރުން މިހާރު ޙިމާޔަތް ކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި އަދި އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި އާއްމުންގެ އެއްބާރުލުން ހޯދާނެ ގޮތްތަކާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ. އަދި ފޯރަމްގެ ބައިވެރިންގެ ފަރާތުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓައި ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާކުރިއެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމް ނިންމާލުމުގެ ރަސްމިއްޔާތުގައި ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަންޕާ) މެނޭޖްކޮށް ބެލެހެއްޓުމަށް، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމް، ބީ.އެމް.އެލް އަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ފޯރަމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތައް ކަމުގައިވާ އޯ.ސީ.ޕީ.ޕީ، އައި.ޔޫ.ސީ.އެން، އެމް.އާރ.އާރ އަށާއި އަދި މި ފޯރަމްގެ އެންމެހާ ބައިވެރިންނަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.


