ކައުންސިލު އިންތިހާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން މި މަހު 12 ގަ
8 ފެބްރުއަރީ 2026 - 04:53

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މި މަހުގެ 12 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ގުރުއަތު ނެގުމަށްފަހު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެހެންކަމުން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކުން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ނަން އަނބުރާ ގެންދަން ޖެހޭނެއެވެ.

Ad by Hajj Corporation
މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އިންތިޚާބުގެ ކަންކަން ވީހާވެސް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ގެންދިއުމަށް ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިއިންތިޚާބުގައިވެސް އިންތިޚާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމްކޮށްފައިވާއިރު، މި ބިއުރާ އަށް މިހާތަނަށް 4 ޝަކުވާ ހުށަހަޅާފައިވާކަމަށް އީސީން ބުނެއެވެ. އަދި އެޝަކުވާތަކުގެ ޖަވާބު ދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.
މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިންނަށް އިލެކްޝަނުން ރަސްމީކޮށް ހުޅުވާލާފައިނުވިޔަސް ސިޔާސީ ޕާޓީތަކާއި، އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން މިހާރުވެސް ގެންދަނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
މިއަހަރުގެ އިންތިޚާގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރާނެއެވެ. މި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީން ކައުންސިލް އިންތިޚާބުގައި 665 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.
އިންތިޚާބު އޮބްޒަރވްކުރާ ބޭރުގެ އޮބްޒަރވަރުންނަށް ވެސް މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު އޮންނާނެއެވެ. އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދިނުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. މިއިންތިޚާބުވެސް އަމާންކަމާއި އޮމާންކަމާއިއެކު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.


