ތަރައްގީލިބި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން ހޮވުން: މުހައްމަދު އިސްމާއީލް
4 ފެބްރުއަރީ 2026 - 07:20

ރަށްރަށާއި ސިޓީތައް ތަރައްގީވެ، ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން އެ ތަންތަން ތަމްސީލުކުރަން ހޮވިގެން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ތެރެއިން ފާއިތުވެދިޔަ 15 އަހަރު ދައްކުވައިދީފައިވާ ހަގީގަތެއް ކަމަށެވެ.

Ad by Hajj Corporation
"ރައްޔިތުންނަށް އޮޅުވާނުލައްވާ ރަށްރަށާއި ސިޓީތައްވެސް ތަރައްގީވެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން ސިޓީތަކާއި ރަށްތައް ތަމްސީލުކުރަން ހޮވިގެން،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އަދި މިއީ ފާއިތުވި 15 އަހަރުގެ ތަޖުރިބާއިން ސާފުވާން އޮތް ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުރިން ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން އެކި ނަންނަމުގައި ކައުންސިލް އިންތިޚާބަށް ކެންޑިޑޭޓުން ނެރެނީ ގައުމަށް ނުވަތަ ރައްޔިތުންނަށް ހެވެއް އެދިގެން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި ފިތުނަ ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. ސަރުކާރު ހިންގާ ޕާޓީން އަންނަނީ މި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުންނެވެ.


