އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފި
31 އޮކްޓޯބަރު 2026 - 14:05

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިންތިޚާބުކުރަންޖެހޭ މެންބަރުން ހޮވުމަށް މިއަދު ނެގި ވޯޓު، ތަފާތު ބޮޑު ނަތީޖާއަކުން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެލްޖީއޭގެ ބޯޑަށް 3 މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ. މީގެ ތެރެއިން ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަނި ކަމަށްވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ މީގެ ކުރިން އިންތިޚާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށްދިޔައީ ބާކީ އޮތް ދެ ގޮނޑިއަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރަކު ހޮވުމަށް ނެގި ވޯޓު ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބުކުރެއްވީ 314 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓު ދެއްވި ބޭފުޅުންގެ 58.04 އިންސައްތަ އެވެ. މި މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ 227 ވޯޓެވެ. މުޅި ރާއްޖޭގެ ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު މި ވޯޓުގައި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރަކު އިންތިޚާބުކުރުމަށް ބޭއްވި ވޯޓުވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. އެ ގޮނޑިއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓަށް 89 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 63 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓު މި ގޮނޑި ކާމިޔާބުކުރެއްވީ 26 ވޯޓުގެ ތަފާތުންނެވެ.
މި ނަތީޖާއާއެކު، އެލްޖީއޭގެ ބޯޑުގައި ލާމަރުކަޒީ ދާއިރާތައް ތަމްސީލުކުރުމަށް ޤާނޫނުން ކަނޑައަޅާފައިވާ ގޮނޑިތަކުގެ ތެރެއިން ވޯޓު ނެގި ދެ ގޮނޑިވެސް ބޮޑު އަޣުލަބިއްޔަތަކުން މިވަނީ ސަރުކާރު ހިންގާ ޕީއެންސީން ކަށަވަރުކޮށްފައެވެ.

-01.jpg&w=3840&q=75)
