ފަޅަށް ވަންނަން ރޭސް ޖެހި ތިން ލޯންޗުގެ މައްސަލަ: ތިން ކެޕްޓަނުންގެ ލައިސަންސް ހިފަހައްޓައިފި
ބާރު ސްޕީޑުގައި، ވާދަޔަށް ނެރަށް ވަތް ލޯންޗުތައް -- ފޮޓޯ/ ސޯޝަލް މީޑިޔާ
08 އޮކްޓޯބަރު 2024 - 07:25
ބާރު ސްޕީޑުގައި ރޭސް ޖަހަމުން ނުރައްކާތެރިކޮށް، އއ. ތޮއްޑޫ ނެރަށް ވަތް ތިން ލޯންޗު ދުއްވި ތިން މީހުންގެ ލައިސެންސް ހިފަހައްޓައިފިއެވެ.
ރަށެއްގެ ނެރަކަށް ވަންނަން ދުއްވި ތިން ލޯންޗެއް، ބާރު ސްޕީޑުގައި ވާދަޔަށް ދުއްވި ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި ވައިރަލްވެ، އެ މައްސަލަ ފުލުހުން ބަލަން ފެށީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެ މައްސަލައިގައި އެމީހުންގެ ލައިސެންސް އެ ދުވަހު ހިފެހެއްޓި ނަމަވެސް، އެކަން ފުލުހުން ހާމަކުރީ މިއަދުގެ ވަގުތެއްގައެވެ.
އެގޮތުން މިއަދު ފުލުހުން ބުނީ، އެ މައްސަލައިގައި ލައިސަންސް ހިފަހައްޓާފައިވާއިރު، އެ މައްސަލައާ ގުޅޭ ލިޔެކިޔުންތަކެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު ވެސް އަޅާނީ އެ މިނިސްޓްރީން ކަމުގައި އެ އިދާރާއިން ބުންޏެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ހިނގި އެ ޙާދިސާ، ފުލުހުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިޔާގައި އެ ވީޑިޔޯ ވައިރަލްވެ، އާންމުންގެ ކަންބޮޑުވުމާއި ނުރުހުން އަމާޒުވެފައި ވަނިކޮށެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އެ ވީޑިޔޯ ސޯޝަލް މީޑިޔާއަށް އާންމުކުރި ފަރާތުގެ ޕޯސްޓުގައި ވަނީ، އެ ތިން ލޯންޗަކީ ވެސް ބާރު ސްޕީޑުގައި ދުއްވާ ލޯންޗްތަކެއް ކަމަށާއި، އޭގެން ދަތުރުކުރާ މީހުންނަށް އެ އެ ލޯންޗުތަކުގެ ކެޕްޓަނުން ނުވިސްނާކަމުގައި ބުނެފައެވެ.