logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮމިޓީގެ ނިންމުން: ދެ އިންތިޚާބު އެއްކޮށްލަން ފެނޭ

އިސްމާޢިލް ރާތިޢު
9 ފެބްރުއަރީ 2026 - 07:35
ކޮމިޓީގެ ނިންމުން: ދެ އިންތިޚާބު އެއްކޮށްލަން ފެނޭ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީ މަރުހަލާގައި ބިލު ދިރާސާ ކުރުމުގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަނައިބުގެ އިތުުރން ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްފައެވެ. ގިނަ ފަރާތްތަކުން ވަނީ ބިލު ފާސްކުރަން ފެންނަ ކަމަށްތާއީދުކޮށްފައެވެ.

ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުތައް އެކުގައި ބާއްވަން ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާޙު ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިޚާބެއް ބާއްވަން ވާނީ، އިސްލާޙުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރ 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީޚަށް އިންތިޚާބު ބާއްވާ، މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެއެވެ. މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަކީ، ގިނަ ރައްޔިތުންތަކެއް އެދެމުން އައި ކަމެކެވެ. ދެ އިންތިޚާބު އެއްކުރުމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، އިންތިޚާބުތަކަށް ހޭދަ ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމިޓީގެ ނިންމުން: ދެ އިންތިޚާބު އެއްކޮށްލަން ފެނޭޚަބަރު | 2 ގަޑިއިރު ކުރިންމަޖިލީހަށް ޕެޓިޝަން ހުށަހަޅުމަށް އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް ޚަބަރު | 21 ގަޑިއިރު ކުރިންމަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް: ރައީސްޚަބަރު | 3 ދުވަސް ކުރިން"މަޖިލީހުން އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްޤީ"ޚަބަރު | 4 ދުވަސް ކުރިން