އިންޑިއާ 400 މިލިއަނަށް ވުރެ ގިނަ ޔޫޒަރުންނާއެކު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު 5ޖީ ނެޓްވޯކަށް
10 ފެބްރުއަރީ 2026 - 02:43

އިންޑިއާގައި 5ޖީ (5G) ގެ ޚިދުމަތް ފެތުރެމުންދާ ހަލުވި މިނަށް ބަލާއިރު، 2026 ވަނަ އަހަރުގެ ކުރީކޮޅުގެ ތަފާސްހިސާބުތަކުން ކަށަވަރުވާ ގޮތުގައި، އެ ގައުމަކީ މިހާރު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު 5ޖީ މާކެޓެވެ. މި ކުރިއެރުމާއެކު އިންޑިއާ ވަނީ ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިއަށް ޖެހިލާފައެވެ.
އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޖިއޯތިރާދިއްތިއާ ސިންޑިއާ ޖެނުއަރީ މަހުގެ މެދުތެރޭގައި ހާމަކުރެއްވި ގޮތުގައި، އެ ގައުމުގައި 5ޖީ ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 400 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. ފެބްރުއަރީ 2026 އާ ހަމައަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 1 ބިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނާއެކު އެއްވަނައިގައި އޮތް ޗައިނާ ފިޔަވައި، އިންޑިއާ އަކީ މިހާރު މި ދާއިރާގައި ދުނިޔޭގެ ދެވަނަ ގައުމެވެ. މިއާއެކު އިންޑިއާއިން ވަނީ އެމެރިކާ (350 މިލިއަން)، ވިލާތުގެ އިއްތިހާދު (250 މިލިއަން) އަދި ޖަޕާން (190 މިލިއަން) ފަދަ ބޮޑެތި މާކެޓްތައް ފަހަތަށް ޖައްސާލާފައެވެ.

Ad by Hajj Corporation
މި ބޮޑު ކުރިއެރުން ހޯދުމަށްޓަކައި އިންޑިއާއިން ވަނީ ވަރުގަދަ އިންފްރާސްޓްރަކްޗަރއެއް ގާއިމުކޮށްފައެވެ. އެގޮތުން މުޅި ގައުމުގައި މިހާތަނަށް 518,000 އަށްވުރެ ގިނަ 5ޖީ ބޭސް ޓްރާންސީވަރ ސްޓޭޝަންތައް (BTS) ވަނީ ގާއިމުކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިންޑިއާގެ 99.6 އިންސައްތަ ޑިސްޓްރިކްޓްތަކަށް މިހާރު 5ޖީ ގެ ޚިދުމަތް ލިބެމުންދާއިރު، މިއީ އެ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތައެވެ.
ޑޭޓާ ބޭނުންކުރުމުގެ އާދައަށް އައި ބަދަލަށް ބަލާއިރު، އިންޑިއާ އަކީ މިހާރު ދުނިޔޭގައި ސްމާޓްފޯނަކުން އެންމެ ގިނައިން ޑޭޓާ ބޭނުންކުރާ ގައުމެވެ. އެވްރެޖްކޮށް މަހެއްގެ މައްޗަށް ކޮންމެ ފޯނަކުން 36GB ގެ ޑޭޓާ ބޭނުންކުރާކަން ފާހަގަކުރެވެއެވެ.


