ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ގާނޫނީ ބާރުވެރިކަން ދިނުމަށް މަޖިލީހަށް ބިލެއް
10 ފެބްރުއަރީ 2026 - 11:55

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ގާނޫނީ ބާރުވެރިކަން ދިނުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުއެވެ. މިބިލުގެ މައިގަނޑު މަގުސަދަކީ ދިވެހި ވަތަނީ ހިދުމަތް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.

Ad by Hajj Corporation
މެމްބަރު ވިދާޅުވީ މި ބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ދައުލަތުގެ ޔުނިފޯމް އެޅި ހިދުމަތްތަކާއި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގައި ހިދުމަތްކުރަން އެދޭ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި ޒުވާނުން ބާރުވެރިކުރުވާ ގައުމަށާއި މުޖުތަމައަށް ފައިދާހުރި ޒުވާން ޖީލެއް ބިނާކުރުމަކީ ވެސް މަގުސަދެއް ކަމުގައި ވިދާޅުވިއެވެ.
މި ގާނޫނުގެ ދަށުން ތައާރަފުކުރާ ޕްރޮގްރާމަކީ ޒުވާނުންގެ ކިބައިގާ ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށް ފަރުމާކުރާ ޕްރޮގްރާމަކަށްވާނެއެވެ. އަދި ބިލުގައިވާ ގޮތުން، ޕްރޮގްރާމްގައި ބައިވެރިވުމުގެ އުސޫލުތަކާއި، ލިބިދޭ ތައުލީމާއި ތަމްރީނާއި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ލިބޭނެ ހާއްސަ ފުރުސަތުތައް ވެސް މި ގާނޫނުގެ ތެރެއިން ކަނޑައެޅިގެންދާނެކަމަށް މެމްބަރު ވިދާޅުވިއެވެ.


