logo
MPL

MPL

ޚަބަރު

ހަކަތައިގެ އަގުތަކަކީ ރާއްޖެއަށް ހައްސާސް ގޮންޖެހުމެއް: ރައީސް

މުޙައްމަދު އަފްރާޙް
11 ފެބްރުއަރީ 2026 - 07:23
ހަކަތައިގެ އަގުތަކަކީ ރާއްޖެއަށް ހައްސާސް ގޮންޖެހުމެއް: ރައީސް

ހަކަތައިގެ ރައްކާތެރިކަމާއި، ހަކަތައިގެ އަގުތަކަކީ، ދިވެހިރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ހިމެނިގެން ބަރލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅު ދަްއްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވަނީ އެނަރޖީ ޓްރާންސިޝަންގެ ދާއިރާއަކީވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ސޯލާ ސިޓީ ފަދަ މަޝްރޫޢުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިޤްތިޞާދުތަކަށް، އަތްފޯރާފަށުގެ، ދެމެހެއްޓެނިވި، އަދި ނަކަލުކުރެވޭފަދަ ޙައްލުތަކެއް އުފެއްދުމަކީވެސް، އެފަދަ މަޝްރޫޢުތަކުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިފަދަ ޢަމަލީ، އަދި އިތުރަށް ތަނަވަސްކުރުމުގެ ފުރުޞަތު ހުރި ޙައްލުތައް ރާއްޖޭގައި ތަޙުލީލުކުރެވިދާނޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ ވުނޭރުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސްއަލިއަޅުއްވާލައްވާފައެވެ. އަދި 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ" ކަމުގައި ކަނޑައަޅުއްވާފައިވާކަމަށާއި މި ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުވިލާތުގެ ވުނޭރުންނަށް އެމަނިކުފާނު ވަނީ ދަޢުވަތުއަރުވާފައެވެ.

ހަމަމިއާއެކު ވުނަކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން، ދާދި ފަހުން އިފުތިތާޙުކުރި " ޕްރޮޖެކްޓް އައިލާ - ސަސްޓެއިނަބަލް ޓައުންޝިޕް" ފަދަ މަޝްރޫޢުތައްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޚާއްޞަ ޚިދުމަތްތައް ތަރައްޤީކޮށް، ބޭސްފަރުވާއަށް އެހެން ޤައުމުތަކަށް ދާންޖެހޭ މިންވަރު މަދުކޮށްގެން، ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތް ޒަމާނީކޮށް ފުޅާކުރުމާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އަދި މިދާއިރާގައި ޖަރުމަނުވިލާތުގެ މަހާރަތާއި ދިވެހިރާއްޖޭގެ މަސްލަހަތު އެއްއުއިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މާލީ ދާއިރާގައި ހުރި ވުނަކުރުމުގެ ފުރުޞަތުތަކަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ އަމާޒަކީ، ދިގުމުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށްފެންނަ، ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ތަޖުރިބާ އާއި ފަންނިންޔާތު އެކުލަވާލުމުގައި ޖަރުމަނުވިލާތުގެ ތަޖުރިބާ އާއި ދެ ޤައުމުން ހިއްސާކުރާ މަސްލަހަތުތަކުގެ އަލީގައި، ޖަރުމަނުވިލާތަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ ތަބީޢީ ބައިވެރިއެއްކަމަށް ވިދާޅުވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 3 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 11 ގަޑިއިރު ކުރިންކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | 20 ގަޑިއިރު ކުރިންވިޔަފާރިތަކަށް ބޮޑު ލުޔެއް: ބީއެމްއެލް ގޭޓްވޭއިން ޑޮލަރު ބަލައިގަނެ، ބޭރުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީޚަބަރު | 20 ގަޑިއިރު ކުރިން