1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ބެލުން މިމަހުގެ 17 ވަނަ ދުވަހު!
11 ފެބްރުއަރީ 2026 - 11:58

މިހިނގާ 1447 ވަނަ ހިޖުރީ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ބެލުމުގެ ރަސްމީ މަސައްކަތްތައް މިހިނގާ ފެބްރުއަރީ މަހުގެ 17 ވާ އަންގާރަ ދުވަހު ކުރިޔަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހާމަކޮށްފިއެވެ.
ޑީޖޭއޭއިން މަޢުލޫމާތު ދޭ ގޮތުގައި، ހަނދު ބެލުމުގެ މަސައްކަތް އެ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ކުރިއަށް ދާނެއެވެ. މިކަމަށްޓަކައި މާލޭގައި ހުންނަ ޑީޖޭއޭގެ އިދާރާގެ އިތުރުން، އަތޮޅުތަކުގެ ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އެ ވަގުތުގައި ހުޅުވާފައި ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ.
ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މާލޭގައިނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި އަދި ރަށްރަށުގައިނަމަ މެޖިސްޓްރޭޓުންގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މެޖިސްޓްރޭޓަކު ނެތް ރަށެއްނަމަ، އެ ރަށެއްގެ ކައުންސިލް ހިންގުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް ހެކިބަސް ދެވޭނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ހަނދު ފެނިގެން މަޢުލޫމާތު ދޭއިރު، ހަނދު ހުރި މިސްރާބާއި އުސްމިން ފަދަ މުހިންމު ތަފްސީލުތައް ހިއްސާކުރަން ޖެހޭނެއެވެ. ހަނދު ފެނިގެން ހެކިބަސް ދޭން އަންނަ ފަރާތްތަކުގެ ދަތުރުފަތުރުގެ ޚަރަދު ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3340828 ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.


