ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު އައްޑޫގައި ފަށައިފި
12 ފެބްރުއަރީ 2026 - 10:31

ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއާ އަލަށް ގުޅޭ ފުލުހުންނަށް ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނުގެ 42ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ފަށައިފިއެވެ.
މި ތަމްރީނު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ. މި ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ބައިވެރިވެލެއްވިއެވެ.
ފެބުރުވަރީ 15 އިން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 158 ފުލުހުން ބައިވެރިވެއެވެ. އެއީ 48 އަންހެން ފުލުހުންނާއި 110 ފިރިހެން ފުލުހުންނެވެ.
ފުލުހުންގެ އަސާސީ ތަމްރީނަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.
މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ބައިވެރިވެލެއްވިއެވެ


