މަރަދޫފޭދޫގައި އައި.ޔޫ.އެމްގެ ކެމްޕަހެއް ހުޅުވައިފި
12 ފެބްރުއަރީ 2026 - 18:07

އައްޑޫސިޓީ މަރަދޫފޭދޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ކެމްޕަހެއް މިއަދު ހުޅުވައިފިއެވެ.
މިކަމަށްޓަކާ މިއަދު އައްޑޫސިޓީ މަރަދޫފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕަސްގެ ނަންބޯޑު ކަޝްފުކޮށްދެއްވައި، ދިދަ ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.

Ad by Hajj Corporation
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ދެއްކެވި ވާހަކަފުޅުގައި މި ކެމްޕަސް ޤާއިމުކުރެވޭ ކުރީގެ މަރަދޫފޭދޫ ސްކޫލަކީ މަރަދޫފޭދޫގެ ދިގު ތާރީޚުގައި އެރަށުގެ ރައްޔިތުން ތަޢުލީމު ޙާޞިލުކުރި ބިނާކަމަށްވެފައި, އެތަން ބަންދުކޮށް ގިނަ އަހަރުތަކެއް ވަންދެން އެގޮތުގައި ހުރުމަކީ ހުރިހާ މާނައެއްގައިވެސް ރައްޔިތުންގެ މަސްލަހަތާއި ޖަމާޢަތުގެ ފައިދާއަށް ބަލާއިރު އެކަށީގެންވާ ކަމަށްނުވާ ކަމަށެވެ. އަދި އެތަން މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި އަލުން ބޭނުންކުރަން ފެށުމަކީ ނުހަނު އުފާވެރި ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.
ވަކިން ޚާއްޞަކޮށް އެ ބިމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދާއިމީ ކެމްޕަހެއް ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމްކުރުމަށްޓަކާ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫޢުއެއްގެ ގޮތުގައި ހިމަނައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުލީމަށް ދެއްވާ އިސްކަމާއި އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާކު ޝުކުރު ދަންނަވާކަމަށްވެސް އެމްޕީ އިސްމާއީލް ނިޒާރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު ވިދާޅުވިގޮތުގައި އަމިއްލަ ފަސްގަނޑުގައި ތިބެގެން ޑޮކްޓޯރަލް ޑިގްރީއާ ހަމައަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިވިކަމީ މިއަދު މަރަދޫފޭދޫގެ ރައްޔިތުންނާއި ގުޅިފައިވާ އައްޑޫސިޓީގެ ރަށްޔިތުންނަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމަށެވެ.
މީގެ އިތުރުން ފާއިތުވި 2 އަހަރުގެ ތެރޭގައި ޢިލްމީ ޕްރޮގްރާމްތަކުންނާއި އިންޓަރނޭޝަނަލް ރެކޮގްނިޝަންތަކާއި ދަރިވަރުންގެ އެންރޯމަންޓުގައި އައި.ޔޫ.އެމް އިން ހޯދާފައިވާ ކާމިޔާބަކީ ސަރުކާރުން ޔުނިވަރސިޓީން އައި.ޔޫ.އެމްއަށް ދެއްވާ ސަމާލުކަމުގެ ނަތީޖާކަމުގައިވެސް ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު ފާހަގަ ކުރެވިއެވެ.
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު ވަނީ މަރަދޫފޭދޫ ގައި ގާއިމްކުރެވޭ ދާއިމީ ކެމްޕަސް މަޝްރޫޢުގެ ތައާރަފެއް ދެއްވާފައެވެ. މަރަދޫފޭދޫގައި އައި.ޔޫ.އެމް ގެ ކެމްޕަހެއް ދަރިވަރުންގެ ދަނާލަކާއެކު ގާއިމްކުރުމަށް ކޮންޓްރެކްޓަރަކާއެކު ސޮއިކޮށްފައިވަނީ ފާއިތުވި ނޮވެމްބަރ މަހު އައްޑޫ ހައި ސްކޫލްގައި ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީ ރައްޔިތުންނާ ބޭއްވެވި ބައްދަލުވުމުގައެވެ.
ދާއިމީ ކެމްޕަސްގައި ކްލާސްރޫމްތަކާއި ލައިބްރަރީއަކާއި މީޓިން ރޫމާއި ސްޓާފް ރޫމާއި އިދާރީ އޮފީސް، ސެމިނަރ ހޯލް، ކެންޓީން، ރެކްރިއޭޝަނަލް ފެސިލިޓީސް، ދަރިވަރުންގެ ދަނާލު އަދި ސްޓާފް އެކޮމޮޑޭޝަން ހިމެނެއެވެ. މީގެ އިތުރުން ކުރީގެ މަރަދޫފޭދޫ ސްކޫލްގެ ހޯލް ރައްޔިތުންނަށް މަންފާވާނެ ފަދަ ކަންކަމަށް ބޭނުންކުރުމަށް މަރާމާތުކުރުމަށް ހަމަޖެހިފައިވެއެވެ.
އައި.ޔޫ.އެމްގެ މަރަދޫފޭދޫ ކެމްޕަސް މިއަދު ހުޅުވުނީ މާސްޓަރ ޑިގްރީގެ ކޯހެއް ހިމެނޭހެން ޖުމްލަ 4 ކޯހެއްގެ ކިޔެވުން ފެށުމާ އެކުގައެވެ. ކުރިއަށް އޮތް ހަފުތާއާ ހަމައަށް ލޭޓް އެޕްލިކޭޝަން ހުޅުވާލާފައިވާތީ އަދިވެސް އިތުރު ކޯސްތައް އެ ކެމްޕަސްގައި މި ސެމެސްޓަރ ގައި ފެށުމުގެ އުންމީދު ބޮޑުކަމަށް އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު ވަނީ ވިދާޅުވެފައެވެ.


