ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރަކުން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުން ސަތޭކަ އިންސައްތަ ހޯދައިފި
8 ޖޫން 2026 - 05:46

ދިވެހިރާއްޖޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ފުރަތަމަ ފަހަރަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތައް ސަތޭކަ އިންސައްތަ ފުރިހަމަކޮށް، ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2014 ވަނަ އަހަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހުރިހާ ވުޒާރާތަކުން، އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތައް ސަތޭކަ އިންސައްތަ ފުރިހަމަކުރި މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރު ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއް ހިއްސާ ކުރައްވަމުންނެވެ.

Ad by Hajj Corporation
މި ފާހަގަކޮށްލެވޭ ބަދަލާއެކު، މީގެކުރިން އާންމުންނަށް ލިބެން ނެތް އެތައް މައުލޫމާތެއް މިހާރު ވަނީ ފަސޭހަކަމާއެކު އާންމުކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ހަމައެކަނި ސިޔާސަތެއްގެ މަގުސަދެއް ނޫނެވެ. އޭގެ ބަދަލުގައި، މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ އަސާސީ ހައްގަކީ، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށާއި ޑިމޮކްރެޓިކް ވެރިކަމެއްގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އެންމެ މުހިންމު ބިންގަލެވެ.
މި ކާމިޔާބީއަކީ ސަރުކާރުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، މައުލޫމާތު ހޯދުމަށް އާންމުންނަށް އޮތް ފުރުސަތުތައް ފުޅާކޮށް، ޖަވާބުދާރީވުން ވަރުގަދަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިނިވަން އަދި ޖަވާބުދާރީވާ ސަރުކާރެއް ބިނާކުރުމަށް ކުރާ ދަތުރުގައި މި ހާސިލުކުރެވުނު ކާމިޔާބީއަށްޓަކައި، މިކަމުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރެއްވި ހުރިހާ މުއައްސަސާތަކަށާއި ދައުލަތުގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސާބަސް ދެއްވާފައެވެ.
މީގެ އިތުރުން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މައުލޫމާތުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ނިންމުންތަކާއި ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން މިހާރަށްވުރެ ފުޅާކުރުމަށް ކުރާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.


