logo
Bank of Maldives

Bank of Maldives

ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ: ރައިސް

އައިޝަތު އިނާޝާ
7 ޖޫން 2026 - 06:04
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ބޭނުންކުރާ ހުރިހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި އަދި އިތުބާރު ހުރި ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެގޮތެއްނުވެ މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާބޯތަކެތީގެ ޒަރީއާއިންޖެހޭ ބަލިތައް ނައްތާލުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަދި ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ރައްކާތެރި ކާބޯތަކެތި ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ކާބޯތަކެތީގެ ޒަރީއާއިންޖެހޭ ގިނަ ބަލިތަކަކީ ހަރުދަނާ ނިޒާމުތަކާއި، ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅު އަޅައިގެން އަދި މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެ ގުޅިފައިވާ މަސައްކަތުން ހުއްޓުވޭނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ބޯޑަރުން އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓާކޮށް ޓެސްޓުކުރުމަށް ބޭނުންވާ ޤައުމީ ފަންނީ ގާބިލުކަން އިތުރުކުރުމަށްވެސް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓުގައި، ޣައްޒާއާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަޙުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ޙާލަތްތަކުގައި ތިބި ހުރިހާ ފަރާތެއްގެ މަތިން ހަނދާންކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިލްތިމާސްކުރައްވަމުން ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބޯލަނބައި، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުން ހުރިހާ އެންމެންނަށްވެސް ރައްކާތެރި މުސްތަގުބަލެއް ބިނާކުރެވޭނެ ކަމަށެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 7 ވަނަ ދުވަހުގައެވެ. ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ، "ބަރޑަން ޓު ސޮލިއުޝަންސް – ސޭފް ފުޑް އެވްރީވެއަރ" މިޝިޢާރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | 11 ގަޑިއިރު ކުރިންސިފައިންގެ އަސާސީ ތަމްރީން ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | 16 ގަޑިއިރު ކުރިން"އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ކުންފުންޏެއް އުފައްދަވައިފިޚަބަރު | 16 ގަޑިއިރު ކުރިންދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 66 ފަރާތަކަށް ދިނުމަށް ނިންމައިފިޚަބަރު | 2 ދުވަސް ކުރިން