'އައިޔޫއެމް ލީގަލް ކްލިނިކް': އާންމުންނަށް ގާނޫނީ އެހީތެރިކަން ހިލޭ
8 ޖޫން 2026 - 03:36

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކުއްލިއްޔާ ޝަރީޢާ އެންޑް ލޯ، އަމިއްލަ ރަށުގައި ހުރެގެން ކިޔެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމުގައި އެ ޔުނިވަރސިޓީން ހާމަކޮށްފިއެވެ.
މެންދުރު ޓީވީގެ 'މައުޟޫ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ޔުނިވަރސިޓީގެ ލެކްޗަރަރ އަލްއުސްތާޛު ޙުސައިން ރަމީޒު ވިދާޅުވީ އެ ކޯސްތައް މިހާރުކުރިއަށްގެންދަނީ ބްލެންޑެޑް މޯޑަށް ކަމަށާއި މާނައަކީ ފިޒިކަލްކޮށް ކްލާހަށް އައިސްގެން ކިޔަވަން ބޭނުންވާ ފަރާތްތަކަށާއި އަތޮޅުތެރޭގައި ތިބެގެން ފުލީ އޮންލައިންކޮށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮތްކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation
މީގެއިތުރުން ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް ވެސް އޮންލައިން ކްލާސްތަކުން ކިޔެވުމަށް ފުރުސަތު އޮންނާނެ ކަމަށާއި ނަަމަވެސް އިމްތިހާނު ހަދަން އަންނަންޖެހޭނީ އެ ޔުނިވަރސިޓީގެ ކެމްޕަހެއް ހުންނަތަނަކަށް ކަމަށް ވިދާޅުވިއެވެ. ސަބަބަކީ ލޯކަލް އެގަމިނޭޝަން ޕޮލިސީއެއް އޮންނަގޮތުން ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވަމުން އައިޔޫއެމްގެ ލެކްޗަރަރ އުސްތާޛާ އައިޝަތު ފަޒުނާ އަހްމަދު ވަނީ އައިޔޫއެމް ލޯ ސޮސައިޓީގެ ނަމުގައި 'ލޯ ސޮސައިޓީ'އެއް ކުރިއަށް ގެންދަވާކަން ފާހަގަކުރައްވާފައެވެ. ސްޓޫޑެންޓް ލެޑް އިނީޝިއޭޓިވް ގެ މައިގަނޑު ބޭނުމަކީ ކިޔެވުމުގެ އިތުރަށް ޝަރީޢާ ނުވަތަ ގާނޫނީ ދާއިރާ އަށް ހުންނަ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު 'އައިޔޫއެމް ލީގަލް ކްލިނިކް' އުފައްދާފައިވާ ކަމަށާއި މިއީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކްރެޑިޓް ކުރެވިފައިވާ ސީއެލްޓީ ޕްރޮގްރާމެއް ހިންގުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުއްދަ ދެވުނު ފަރާތް ކަމަށް ފަޒުނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ކްލިނިކުން އާންމުންގެ ތެރެއިން ގާނޫނީ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިލޭ އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.


