ރާއްޖެ-އިންޑިއާ ގުޅުމުގެ އާ ސަފުހާއެއް ވަނީ ހުޅުވިގެން ގޮސްފައި: ހީނާ
08 އޮކްޓޯބަރު 2024 - 09:49
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުމުގެ އާ ސަފުހާއެއްް ހުޅުވިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްޕާސަން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ހީނާ ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތީ ޒަމާނުއްސުރެ، އެތައް ގަރުނުތަކަށް ދެމިގެންދާ ގުޅުމެއް ކަމަށެވެ.
އިއްޔެ ދެ ޤައުމުގެ ދޭތެރޭ ވެވުނު އެއްބަސްވުންތަކާއެކު ހުޅުވިގެން މިދިޔައީ ދެ ޤައުމުގެ ޒަމާންވީ ގުޅުމުގެ އާ ސަފުހާއެއް ކަމަށް ހީނާ ވިދާޅުވިއެވެ.
''ރައީސުލްޖުމްހޫރިއްޔާގެ ފުރަމާނަ ދަތުރުފުޅަކީ ވަރަށް ތާރީޚީ ވަރަށް ކާމިޔާބު ދަތުރުފުޅެއް، މިދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރަށް ބޮޑަށް ބަދަހިވެގެންދާނެ، ދެ ގައުމުގެ އެކަކު އަނެއްކަކާއި އޮންނަ ގުޅުމާއި، ވިޔަފާރިތަކާއިއެކުގައި އޮންނަ ގުޅުމާއި، ދެ ސަރުކާރުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ހަރުދަނާވެގެން ދިޔުމަށް ވަރަށް ގިނަ ދޮރުތަކެއް ހުޅުވިގެން ހިނގައްޖެ'' ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން ވަނީ އިތުރު ހަރުފަތަކަށް ގެންގޮސްދީފައި ކަމަށެވެ.