logoEN
ޚަބަރު

ފިޔާ ލިބުން ދަތިވީ އިންޑިޔާއިން ފިޔާ ބޭރުކުރާ މިންވަރު މަދުވުމުގެ ސަބަބުން: ހީނާ

ރާއްޖޭގެ ބާޒާރުގައިހުރި ފިޔާތަކެއް: ފިޔާގެ އަގު ވަނީ ބޮޑުވެފައި

ރާއްޖޭގެ ބާޒާރުގައިހުރި ފިޔާތަކެއް: ފިޔާގެ އަގު ވަނީ ބޮޑުވެފައި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

16 ސެޕްޓެމްބަރު 2024 - 12:46

ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވީ، އިންޑިޔާއިން ފިޔާ އެކްސްޕޯޓުކުރާ މިންވަރު މަދުވުމުގެ ސަބަބުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ އެފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ފިޔާގެ މައްސަލައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެ، ފިޔާ ކިލޯއެއްގެ އަގު ވަނީ ބޮޑުވުމާ ގުޅިގެން ހީނާ ވިދާޅުވީ، އެކަމުގައި ދިމާވި މައްސަލައަކީ ރާއްޖެއަށް ފިޔާ އެތެރެކުރެވޭ މިންވަރު މަދުވުން ކަމަށެވެ. އަދި އެކަން މެދުވެރިވީ ފިޔާ ރާއްޖެއަށް އެތެރެކުރާ އިންޑިޔާއިން، ފިޔާ އެކްސްޕޯޓުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

"ބާޒާރުގައި ފިޔާގެ ދަތިކަން ހުރިކަން އެބަ ފާހަގަކޮށްލެވޭ. އަދި އަގު ވެސް ކޮންމެވެސް ވަރަކަށް މަތިވެފައި ހުރިކަން ފާހަގަކުރެވޭ. މީގެ ސަބަބެއް ކަމަށް މިވަނީ ހަގީގަތުގައި ރާއްޖެއަށް ފިޔާ އެތެރެކުރެވޭ މިންވަރު މަދުވުން. އެއީ އިންޑިޔާއިން އެކްސްޕޯޓުކުރާ އަދަދު މަދުވުމުގެ ސަބަބުން އަގު ކޮންމެވެސް ވަރަކަށް މަތިވެފައި މި ހުރީ،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، އެކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަމުގެ ތެރެއިން މި އަންނަ ހޮނިހިރު ނުވަތަ އާދިއްތައިގައި ފިޔާގެ ޝިޕްމެންޓެއް، އެސްޓީއޯ މެދުވެރިކޮށް ގެނައުމަށް މަސައްކުރާ ކަމަށެވެ.

އެކަމާ ގުޅިގެން އެސްޓީއޯއިން ބުނީ، ސަރުކާރުން ހާމަކުރި ގޮތަށް، މި އަންނަ ހޮނިހިރު ނުވަތަ އާދިއްތަ ދުވަހު އިންޑިޔާއިން ރާއްޖެއަށް ފިޔާގެ ޝިޕްމެންޓެއް ގެންނާނެ ކަމަށެވެ.

އެ ޝިޕްމެންޓާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder