ރާއްޖޭގެ ހިރިގަލުގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމުގެ ފުރުސަތު ބޮޑު: މިނިސްޓަރު ހީނާ
11 އޮކްޓޯބަރު 2026 - 18:55

ރާއްޖޭގެ ހިރިގަލުގެ 5 މިސްކިތެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑު ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމުގެ 9 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ވަޒީރު ހީނާ ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ މިސްކިތެއް ހިމެނުމަށް މަސައްކަތް ކުރަމުން އަންނަތާ މިހާރު 13 އަހަރު ވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުވެސް ރާއްޖޭގެ ބައެއް ހިރިގަލު މިސްކިތްތައް ލިސްޓުގައި ހިމެނުމަށް ހުށަހެޅި ކަމަށާއި، މި އަހަރުގެ ސެޕްޓެމްބަރު މަހު އެ ހުށަހެޅުންތައް ބަލައިގެންފައިވާ ކަމަށް ޔުނެސްކޯއިން އަންގާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ދަށުން ޔުނެސްކޯގެ އިވެލުއޭޝަން ޓީމެއް ރާއްޖެ އައިސް، މިސްކިތްތައް ބަލައި، ކަމާބެހޭ މުއައްސަސާތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މިހާރު އިވެލުއޭޝަންގެ މަރުހަލާ ނިންމާލާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ 2027 ވަނަ އަހަރުގެ ފަހުކޮޅު މިތަންތަަން ލިސްޓުގައި ހިމެނިގެންދާނެ ކަމަށް. މިކަމުގެ ސަބަބުން އެ މިސްކިތްތައް ނިސްބަތްވާ ރަށްތަކަށާއި، ދިވެހި ރާއްޖޭގެ އިގުތިޞާދަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ. ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ތަރިކަ ބަލައިގަންނާނެ. މިމިސްކިތްތައް ބަަލަން އަންނަ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ،" ވަޒީރު ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ބަހަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ބަހުގެ އެކަޑަމީ މެދުވެރިކޮށް އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން އަދަބީ މުބާރާތްތަކާއި، ވާހަކަދެއްކުމާއި ޅެން ހެދުމުގެ ގައުމީ މުބާރާތްތައް ބާއްވަމުން އަންނަ ކަމަށެވެ. އަދި އިތުރު ބަސްތައް ހިމަނައިގެން ދިވެހި ބަހުގެ ރަދީފު އަޕްގްރޭޑްކޮށް، އައު ރަދީފެއް މިހާރު ވަނީ ލޯންޗުކޮށްފައެވެ.
އީޖާދީ ގޮތެއްގައި ބަސް ކުރިއެރުވުމަށް ތަފާތު ދިރާސާތައް ކުރަމުންދާ ކަމަށާއި، ބަހުގެ ހެކަތަންއަކާއި ބަހާ ގުޅޭ މައުރަޒެއް ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބަހުގެ ގަވައިދު ފޮތެއް އެކުލަވާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ ނޮވެމްބަރު މަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
