އިސްލާމްދީން ގަބޫލުކުރުމަކީ މިހާތަނަށް ދިވެހިން ނިންމި އެންމެ ބޮޑު ނިންމުން: ހީނާ
12 ސެޕްޓެމްބަރު 2026 - 19:23

ހިޖުރައިން 553 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ތެރޭގައި ދިވެހިން އިސްލާމްދީން ގަބޫލުކުރުމަކީ މިހާތަނަށް ދިވެހިން ނިންމި އެންމެ ބޮޑު ނިންމުން ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަދި ހެރިޓޭޖްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، ދިވެހިން އިސްލާމްދީން ގަބޫލުކުރުމަށް ނިންމި އެ ނިންމުމާ ގުޅިގެން ދިވެހިންގެ ތެރޭގައި ކުރިން ނެތް އެތައް ކަމެއް ތައާރަފުވެ، ކުރީގެ އެތައް ކަމެއް ހުއްޓިގެން ދިޔަކަން ތާރީހުން އެނގެން އޮތް ކަމަށެވެ. އެގޮތުން، ދިވެހިންގެ ވިސްނުމާއި އިޖުތިމާއީ މިންގަނޑުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، އަދަބު އިހުތިރާމާއި، މެހުމާންދާރީއާއި، އިންސާފު ގާއިމުކުރުމުގެ އިތުރުން އާއިލީ ދިރިއުޅުން ފަދަ ކަންކަން އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ބަދަލުވެގެން ދިޔަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
ރާއްޖޭގައި ކުރެވިފައިވާ އާކިއޮލޮޖިކަލް ދިރާސާތަކާއި ތާރީހީ ހޯދުންތަކަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ރާއްޖެއަކީ އެތައް ހާސް އަހަރެއްވީ ގަދީމީ ދައުލަތެއްކަން ސާބިތުވާ ކަމަށެވެ. އަދި އެ ދިރާސާތަކުގެ އަލީގައި، އިހު ޒަމާނުގައި ދިވެހި މުޖުތަމައުގެ އާންމު ދިރިއުޅުން ބައްޓަންވެފައި އޮތް އަސާސްތައް ހާމަވެފައިވާ ކަމަށާއި، ރާއްޖެ އިސްލާމްވުމަށްފަހު ބިނާކޮށްފައިވާ އިސްލާމީ ހަޟާރަތުގެ އެންމެ ސާފު އެއް ހެއްކަކީ ރާއްޖޭގެ ރީތި ހިރިގަލު މިސްކިތްތައް ކަމަށް ވިދާޅުވިއެވެ. މިފަދަ އާސާރުތަކުން ދިވެހި ކާބަފައިންނަކީ ހުރިހާ ގޮތަކުން ވެސް ގާބިލު، ފުރިހަމަ އަމާޒަކަށް ދަތުރުކުރި ސިކުނޑިތަކެއްގެ ވެރި ބައެއްކަން ޔަގީންކޮށްދޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދިވެހި ޝަހުސިއްޔަތު ނެގެހެއްޓުމަށްޓަކައި ތާރީހީ އިތުރު ސާފު ދިރާސާތައް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެފަދަ ދިރާސާތައް ކުރުމުގެ ގާބިލުކަން ހުރި ދިވެހިން އުފެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އެގޮތުން މީހުން ބިނާކުރުމުގެ ޕްރޮގްރާމުތައް ހިންގަމުންދާ ކަމަށާއި، ގައުމު ފަހުރުވެރިވާ ފަދަ ސިފަތައް ރަމްޒުކޮށްދޭ ގައުމިއްޔަތެއް ކޮންމެ ދިވެއްސެއްގެ ހިތުގައި އަށަގެންނެވުމުގެ ބޭނުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ ސިޔާސަތެއް ކަނޑައަޅުއްވައި މަޝްރޫއުތަކެއް ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.


