ވަށާޖެހޭ ތަރައްޤީ ގެނެވޭނީ އިންސާނީ ސިކުނޑިތައް ވެސް ބިނާކޮށްގެން: ހީނާ
12 ނޮވެމްބަރު 2026 - 10:14

ވަށާޖެހޭ ތަރައްޤީއެއް ޤައުމަށް ގެނެވޭނީ ޢުމްރާނީ ތަރައްޤީގެ އިތުރުން އިންސާނީ ސިކުނޑިތައް ވެސް ބިނާކޮށްގެން ކަމަށާއި، ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އިލްތިމާސްކުރައްވައިފިއެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވަނީ ހުރަވީ ދުވަހުގެ ހަނދާންތައް އާކުރައްވައި، ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް އެ ދުވަހުގެ ބަޠަލު ދޮން ބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ކުރެއްވި މަތިވެރި ޖިހާދަށާއި ދުވަހުގެ ތާރީޚީ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މިފަދަ ދުވަހެއްގައި ކޮންމެ ދިވެއްސަކު ވެސް ޢަޒުމް ކަނޑައަޅައި، ޢިބްރަތް ލިބިގަންނަންވީ މުހިއްމު ފިލާވަޅުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޤައުމު ދެކެ ލޯބިވުމާއި ޤައުމު އިސްކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމަށާއި، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިވެތި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ބިނާވެފައި ވަނީ ޢުމްރާނީ ތަރައްޤީއާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ އިންސާނީ ބިނާކުރުމުގެ ތެރެއިން ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރުމަށްޓަކައި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢެއް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އަންނަ ހޮނިހިރު ދުވަހުގެރޭ ރަސްމީކޮށް އިފްތިތާޙު ކުރުމަށް ތައްޔާރުވަމުންދާކަން ވެސް ހާމަކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވިޝަން 2040 ވަނަ އަހަރަކީ ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ކުރެވޭ ޢުމްރާނީ އަދި އިސްތިރާޖީ މަސައްކަތްތަކާ އެކުއެކީގައި މިފަދަ އިންސާނީ ބިނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ވަށާޖެހޭ ތަރައްޤީ ގެނައުމަށް މަގުފަހި ވެގެންދާނެ،" ވަޒީރު ހީނާ ވިދާޅުވިއެވެ.
ޤައުމެއްގައި ގެނެވޭ ތަރައްޤީއާއި ކުރިއެރުމުގެ ޙަޤީޤީ ފޮނިމީރުކަން ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންދާނީ އެ ޤައުމެއްގެ އިންސާނީ ސިކުނޑިތައް ވެސް އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން ކަމަށް ވިދާޅުވެ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކޮށް ކާބަފައިންގެ ރިވެތި އާދަކާދަތައް އަލުން އަނބުރާ ގެނައުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ތަޢުރީފުކުރައްވާފައެވެ.

-01.jpg&w=3840&q=75)
