ސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވޭ: ހީނާ
19 އޮކްޓޯބަރު 2026 - 06:29
.jpg&w=1920&q=75)
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތުގައި ކުދި ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ޗައިނާގައި ކުރިއަށްދާ "ލިއާންގްޖޫ ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ، ރަށްތައް ބެހިފައިވާ ގޮތުން ތަރިކަ ބެލެހެއްޓުމާއި ދިރާސާކުރުމުގެ ހަރަދު ބޮޑު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގައުމެއްގެ ބޮޑުމިނަށް ނުވަތަ އިގްތިސާދީ ހާލަތަށް ބެލުމެއްނެތި ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭނެ ކަމަށެވެ. އަދި ފަންނީ މާހިރުންނާއި ވަސީލަތްތަކުގެ ދަތިކަން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
މޫސުމީ ބަދަލުތަކުގެ ސަބަބުން ތާރީހީ ބިނާތަކަށް ލިބެމުންދާ ގެއްލުންތަކަށް އަލިއަޅުއްވާލައްވަމުން، މިފަދަ ފޯރަމްތަކަކީ ހަމައެކަނި ވާހަކަދައްކާލާ ތަންތަނަށް ނުވެ، ނާޒުކު ހާލަތްތަކުގައިވާ ގައުމުތަކަށް އަމަލީ އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫޢުތަކަކަށް ބަދަލުވާންޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ސަގާފަތް ޑިޖިޓަލްވަމުންދާއިރު ވަކި ބަހަކުން ވާހަކަދައްކާ މީހުން މަދުވުމަކުން ނުވަތަ ކުޑަ ގައުމަކަށް ވުމަކުން އެ ސަގާފަތެއް ބާކީވެގެން ނުވާނެ ކަމަށް ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރުގެ ދަށުން ޑިޖިޓަލް އިންވެންޓްރީތަކާއި، 3ޑީ ޑޮކިއުމެންޓޭޝަން އަދި އޭއައި މެދުވެރިކޮށް ދިވެހި ތަރިކަ ދަފްތަރުކޮށް ރައްކާތެރިކުރުމުގެ މުހިންމުކަން ހީނާ ފާހަގަކުރެއްވިއެވެ.
"އެލަޔަންސް ފޯ ކަލްޗަރަލް ހެރިޓޭޖް އިން އޭޝިއާ" (އޭ.ސީ.އެޗް.އޭ)ގެ ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން، ސަރަޙައްދީ ގުޅުންތައް ވަރުގަދަކޮށް މިފަދަ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެ ކަމަނާ މެމްބަރު ގައުމުތަކަށް ގޮވާލެއްވެވި އެވެ.

-01.jpg&w=3840&q=75)
