އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކުން ކުރިއަށް
13 ފެބްރުއަރީ 2026 - 13:41

ގިރާވަރު ފަޅުގެ ބިންހިއްކުމުގެ މަސައްކަތް، އެއްފަހަރާ 2 ޑްރެޖަރާއިއެކު ކުރިއަށްދާ ކަމަށް ވިދާޅުވެ، މަސައްކަތުގެ އަދާހަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހިއްސާކުރައްވައިފިއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ މަހުގެ 30ވަނަ ދުވަހު ފަށާފައިވާއިރު، މާލެ ސަރަޙައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން، މި މަސައްކަތް ނިމުން އެތައް ގުނައެއް އަވަސްވެގެންދާނެއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަ މަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު އާންމުކޮށްފައިވާ ގިރާވަރު ފަޅު ހިއްކުމުގެ އީއައިއޭ ރިޕޯޓުގައި ވާގޮތުން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހިން ހިއްކާފައިވަނީ، 12 ހެކްޓަރުގެ ބިމެވެ. އަދި އެއަށްފަހު ދެވަނަ ފިޔަވަހިން 18 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު 3 ވަނަ ފިޔަވަހީގެ ދަށުން 26 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.

Ad by Hajj Corporation
މި ރިޕޯޓުގައި ވާގޮތުން ދެން ހިއްކުމަށް ހަމަޖެހިފައިވަނީ ވަރަށް ފުން ސަރަޙައްދުތަކެކެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިރާވަރުފަޅުން ޖުމްލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް:
• 1250 އަކަފޫޓުގެ 2605 ގޯތި
• 1650 އަކަފޫޓުގެ 1213 ގޯތި
• 2050 އަކަފޫޓުގެ 253 ގޯތި
• 2450 އަކަފޫޓުގެ 1 ގޯތި
ނިމުނު ސަރުކާރުގައި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ، އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާުމެއް ނެތިއެވެ. އެގޮތުން އެތަނުގައި އާބާދުވާނެ އާބާދީއަށް ބޭނުންވާނެ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ. ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރު ކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މި ސަރުކާރުންނެވެ.


