މާލެ ތޮއްޖެއްސުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން: އިނާޒް
3 ފެބްރުއަރީ 2026 - 05:15

މާލެ ތޮއްޖެއްސުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި، މާލެ ސަރަހައްދު ތަރައްގީކުރަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓްރީ އޮފް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގެ ޑެޕިއުޓީ މިނިސްޓަރ އިނާޒް އަލީ ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ "މައުޟޫ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިނާޒް ވަނީ މިސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން ކިޔަމުން އަންނަ ފާޑުތަކަށް ވަރަށް ފުރިހަމަ ރައްދުތަކެއް ދެއްވާފައެވެ. އެގޮތުން، ސަރުކާރުން މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ސަބަބުން މާލެ އިތުރަށް ތޮއްޖެހުމަށް މަގުފަހިވާނެ ކަމަށް ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން އިނާޒް ވިދާޅުވީ، އެ މަޝްރޫއުތަކަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއުތަކެއް ކަމަށާއި، މާލެ ތޮއްޖެއްސުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ.

Ad by Hajj Corporation
މި ވާހަކަތަކަށް ހެކިދައްކަވަމުން، އިނާޒް ވަނީ ރަށްތަކުން މާލެއަށް މީހުން ހިޖުރަކުރަން ދިމާވާ މައިގަނޑު ދެ ސަބަބަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިނާޒް ފާހަގަކުރެއްވި ދެކަމަކީ، އަތޮޅުތެރޭގައި ތައުލީމާއި ސިއްހީ ނިޒާމު ދޯދިޔާވުމެވެ. ނަމަވެސް، މިސަރުކާރުން އަންނަނީ މިކަން ހައްލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންކަން އިނާޒް ފާހަގަކުރެއްވިއެވެ.
އިނާޒް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން އަންނަނީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުންވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ލުޔެއް ގެނެސްދެއްވުމުގެ ގޮތުން އެކްސްޓެންޝަން އިމާރާތްތަކުގެ މަސައްކަތްވެސް ކުރިއަށް ގެންދެވި، އެތަންތަން ހުޅުވެމުންދާކަން އިނާޒް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން، އެންމެ ގިނަ މީހުން މާލެ ހިޖުރަކުރަންޖެހޭ އެއް ސަބަބު ކަމަށްވާ ކިޑްނީ ޑައިލިސިސްގެ ހިދުމަތްވެސް މިހާރު އަތޮޅުތެރެއަށް ފުޅާކުރެވި، މިދިޔަ ދެއަހަރު ތެރޭވެސް 16 ނުވަތަ 17 ޑައިލިސިސް މެޝިނު، އެހިދުމަތް އެންމެ ބޮޑަށް ބޭނުންވެފައިވާ ރަށްތަކަށް ފޮނުވިފައިވާކަން އިނާޒް ފާހަގަކުރެއްވިއެވެ.
އެއްވެސް ގައުމެއްގައި، އެންމެ ކުދި ރަށްތަކުގައި، ނުވަތަ ސަރަހައްދުތަކުގައި ޓަރޝަރީ ފެންވަރުގެ ހިދުމަތް ލިބެން ނުހުންނާނެކަން ފާހަގަކުރައްވާ، އިނާޒް ވިދާޅުވީ އެމީހެއްގެ ރަށުގައި އެފަދަ ހިދުމަތްތައް ލިބެން ނެތްކަމުގައި ވީނަމަވެސް ހުރިހާ އަތޮޅެއްގައި އެފަދަ ހިދުމަތްތައް ގާއިމުކުރެވިގެން ގޮސްފިނަމަވެސް މާލެއަށް އަންނަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ.
ޑައިލިސިސްގެ ހިދުމަތުގެ އިތުރުން، ކޮންމެ ރަށެއްގައިވެސް އެރަށަކަށް އެންމެ އެކަށޭނަ ފެންވަރުގެ ލެބޯޓްރީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އިނާޒް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން މިމަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އިނާޒް ވިދާޅުވިއެވެ.
މީގެއިތުރުން، އަތޮޅުތެރޭގައި ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ސްކޫލްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަން އިނާޒް ފާހަގަކުރެއްވިއެވެ.
މިފަދަ ހިދުމަތްތައް މާލެއެކޭ އެއް ފެންވަރަށް އަތޮޅުތެރެއިން ލިބެން ފެށުމުން، މާލެއަށް ހިޖުރަކުރަން ނުޖެހޭނެކަމަށް އިނާޒް ވިދާޅުވިއެވެ.


