އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރުން މިދިޔަ އަހަރު 532 މީހަކަށް ފަރުވާ ދިން
16 ފެބްރުއަރީ 2026 - 05:48

ސްޓްރޯކް ޖެހުނު 532 މީހަކަށް، އައިޖީއެމްއެޗްގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުން މިދިޔަ އަހަރު ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޒުވާން އުމުރުފުރާގެ ކުދިންގެ ބޮޑު ނިސްބަތަކާއެކު، ރާއްޖޭގެ އާބާދީގެ ނިސްބަތުން ނާރުގެ ބަލިތަކާއި ސްޓްރޯކް ޖެހޭ މިންވަރު އިތުރުކަން ޑޮކްޓަރުން ފާހަގަކުރެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި، ސްޓްރޯކަށް ޚާއްޞަ ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުރަތަމަ ނިއުރޮލޮޖިސްޓް ޑރ. އަޙްމަދު ރަޝީދު ވަނީ އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.
ރާއްޖޭގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު ނިސްބަތުން އިތުރުކަން ފާހަގަކުރައްވާ، އެގޮތުން މިދިޔަ އަހަރު ނާރުގެ ބަލިތަކުގައި 1،089 މީހުންނަށް އައިޖީއެމްއެޗުގެ ނިއުރޮލޮޖީގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށް ޑރ. އަޙްމަދު ރަޝީދު ވިދާޅުވިއެވެ. މީގެ ތެރެއިން ގިނައީ ސްޓްރޯކް ޖެހުމުން އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންނެވެ. މިމުއްދަތުގައި 532 މީހަކަށް ސްޓްރޯކް ޖެހިގެން ފަރުވާ ދީފައިވެއެވެ. މީގެތެރެއިން 70 އިންސައްތައަކީ، ސިކުނޑީގެ ލޭ ހޮޅިއެއް ބެދިގެން ސްޓްރޯކް ޖެހުނު މީހުން ކަމަށާއި، އަނެއް 30 އިންސައްތައަކީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ސްޓްރޯކް ޖެހުނު މީހުން ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން 557 މީހުންނަކީ ޢާންމު ބަލިތަކުގެ އިތުރުން ފިޓު ޖެހުމާއި، ނާރުގެ އެހެން ބަލިތަކުގައި އެޑްމިޓްކުރި މީހުން ކަމަށް ޑރ. އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
ޑރ. އަޙްމަދު ރަޝީދު ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ސްޓްރޯކް ޖެހޭ މީހުންގެ ތެރެއިން ގިނައީ އަންހެނުން ނަމަވެސް، ރާއްޖޭގައި ގިނައީ ފިރިހެނުން ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ރާއްޖޭގައި ސްޓްރޯކް ޖެހިގެން އެޑްމިޓް ކުރި މީހުންގެ ތެރެއިން 70 އިންސައްތައަކީ، ފިރިހެނުން ކަމަށާއި 30 އިންސައްތައަކީ އަންހެނުންކަން ޑރ. އަޙްމަދު ރަޝީދު ފާހަގަކުރެއްވިއެވެ.
ސްޓްރޯކް ޖެހިގެން އެޑްމިޓްކުރި މީހުންގެ ތެރެއިން 61 އިންސައްތައަކީ 61 އަހަރާއި 80 އަހަރާ ދެމެދުގެ މީހުންނެވެ. މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ 40 އަހަރުން ދަށުގެ މީހުންކަން ފާހަގަކުރައްވަމުން ޑރ. އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖޭގައި ހަގު އުމުރުގައި ސްޓްރޯކް ޖެހޭ މިންވަރު އިތުރުވުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށެވެ.

Ad by Hajj Corporation
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވާފައިވާ "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯ ސައިންސް އެންޑް ސްޓްރޯކް" ގެ ސަބަބުން މުސްތަޤުބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ސިކުނޑިއާއި، މައިބަދައިގެ އޮޕަރޭޝަންތައް ކުރެވި، މުޅި ރާއްޖެ ގުޅާލެވޭ ވިއުގައެއް މެދުވެރިކޮށް، ސްޓްރޯކް ޖެހޭ މީހުންނަށް ހަލުވިކަމާއެކު ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމްވެގެންދާނެއެވެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލުތަކާއެކު ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރިނަމަވެސް ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ލިބުމަށް މަގުފަހިވާނެއެވެ.


