ރަމަޟާން މަހަށް ހަނދުބެލުން މިރޭ
17 ފެބްރުއަރީ 2026 - 06:38

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުމުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފައިވާ ގޮތުގައި ހަނދު ބެލުމުގެ މަސައްކަތް މިއަދު ހަވީރު 5:30 އިން ފެށިގެން ކުރިއަށް ދާނެއެވެ. މިކަމަށްޓަކައި މާލޭގައި ހުންނަ ޑީޖޭއޭގެ އިދާރާއާއި އަތޮޅުތަކުގެ ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް ހުޅުވާފައި ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ.

Ad by Hajj Corporation
ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މާލޭގައިނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި އަދި ރަށްރަށުގައިނަމަ މެޖިސްޓްރޭޓުންގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މެޖިސްޓްރޭޓަކު ނެތް ރަށެއްނަމަ، އެ ރަށެއްގެ ކައުންސިލް ހިންގުމާ ހަވާލުވެހުންނެވި އިސްވެރިޔަކަށް ހެކިބަސް ދެވޭނެ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.
ހަނދު ފެނިގެން މައުލޫމާތު ދޭއިރު، ހަނދު ހުރި މިސްރާބާއި އުސްމިން ފަދަ މުހިންމު ތަފްސީލުތައް ހިއްސާކުރަން ޖެހޭނެއެވެ. ހަނދު ފެނިގެން ހެކިބަސް ދޭން އަންނަ ފަރާތްތަކުގެ ދަތުރުފަތުރުގެ ޚަރަދު ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމާފައެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު 3340828 ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި ހިނގާ ފެބްރުއަރީ މަހުގެ 18 ވާ ބުދަ ދުވަހެވެ


