މާލޭގައި ޤާއިމްކުރި ވަގުތީ މާރުކެޓް ހުޅުވައިފި
18 ފެބްރުއަރީ 2026 - 07:47

ރަމަޟާން މަހަށް ހާއްސަކޮށްގެން މާލޭގައި ޤާއިމްކުރި ވަގުތީ މާރުކެޓް "ދަނޑުވެރިންގެ ބާޒާރު" ހުޅުވައިފައިއެވެ. މިތަން ހުޅުވާފައިވަނީ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.
މި މާރުކޭޓަކީ ރަމަޟާން މަހާއި ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް، މާލެ ސަރަޙައްދުގައި ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ތަރައްޤީކުރި މާރުކޭޓެކެވެ. މިމާރުކޭޓުގައި ޖުމްލަ 7 ރަށަކުންވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ދަނޑުވެރި ކަމަށް މަޝްހޫރު ރަށްތައް ކަމުގައިވާ ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ފަދަ ރަށްތައް ހިމެނޭ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނޯ ބުނެފައެވެ.
މި މާރުކޭޓުގައި ބައިވެރިވެފައިވާ ރަށްތަކަށް ތަކެތި ބެހެއްޓޭގޮތަށް ގޮޅިތަކެއް ވަނީ ހަދާފައެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި މާރުކޭޓުން މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް، އެމްގެޕް ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ލިބޭނެކަމަށެވެ.
މި މާރުކޭޓުން ވިއްކާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކާނާގެ ބާވަތްތަކެވެ. މި މާރުކޭޓުގައި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި، ތަރުކާރީ ފިޔަވާ އިތުރު ތަކެތި ވިއްކުމަކީ މަނާ ކަމެކެވެ.
މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ، ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އަށް ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި މާރުކޭޓު މާރިޗު މަހުގެ 26 ވަނަ ދުވަހަށް ރޯދަމަސް ނިމުމާއެކު ނަގާނެކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ، އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެސް ވިއްކާ މަހެކެވެ.

Ad by Hajj Corporation


