ރައީސް ޑރ. މުއިއްޒު މާލެ ވަޑައިގެންފި
18 ފެބްރުއަރީ 2026 - 11:15

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު މާލެ ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ވަޑައިގެންނެވީ އެ ގައުމުގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށް އާ ސަރުކާރު ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން، ރައީސް މުއިއްޒު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ދާއިރާތަކުން ގުޅުން ވަރުގަދަކުރުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު މަޤާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ބަންގްލަދޭޝްއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

Ad by Hajj Corporation


