ފުލުހުންގެ އިދާރާ ހިންގުން ފަރުހާދު ފިކުރީ އާ ހަވާލުކޮށްފި
19 ފެބްރުއަރީ 2026 - 06:05

ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ޙަވާލުކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީން، މި މަސްއޫލިއްޔަތު ފަރުހާދާ ގަވާލުކުރައްވާފައި މިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާޢީލް ނަވީން ރިޓަޔަރ ކުރެއްވުމާގުޅިގެންނެބވެ. ނަވީން ރިޓަޔަރ ކުރައްވާފައިވަނީ 18 ފެބްރުއަރީން ފެށިގެންނެވެ.

Ad by Hajj Corporation
ފަރުހާދު ފިކުރީ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމަށް ހަމަޖައްސަވާފަވަނީ، 2024 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. އޭނާ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 30 މާރިޗު 1991 ގައެވެ.
ފުލުހުންގެ ޚިދުމަތުގައި އޭނާ ހޭދަކުރެއްވި 33 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަޙުޤީޤީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހާތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް ފަރުހާދު ހުންނެވީ، ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިންގ ހެޑްގެ މަޤާމުގައެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު 25 ގައިވެސް، އޭރުގެ ޕޮލިސް ކޮމިޝަނަރ ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ފުލުހުންގެ މުއައްސަސާ ވަގުތީ ގޮތުން ހިންގެވުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ޙަވާލުކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހުސްވެއްޖެނަމަ، އެ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަޤާމަށް ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ.
އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެނީ، ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަޤާމަށް އައްޔަންކުރަން ޖެހެނީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެއް ކަމަށް ޤާނޫނުގައި ބަޔާން ކޮށްފައިވެއެވެ.


