މާލީ ކަންކަމާ ބެހޭ މުވައްޒަފުންނަށް ކުރިއަށްގެންދިޔަ އަރުތަ ޕްރޮގްރާމު ނިންމާލައިފި
14 ޖޫން 2026 - 09:59

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ އަރުތަ ޕްރޮގްރާމް ނިންމުމުގެ ރަސްމިޔާތު ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އަފްޒަލް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި، އެހެނިހެން ފުލުހުންގެ އިތުރުން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

Ad by Hajj Corporation
އަރުތަ ޕްރޮގާރަމުގެ މަގުސަދަކީ، މުވައްޒަފުންނަކީ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިޖުތިމާއީ ގޮތުން ޒިންމާދާރު، ކުށްތައް ހުއްޓުވުމަށް އިސްނަގައިގެން މަސައްކަތްކުރާ އަދި މުއައްސަސާގެ ކުރިއެރުމަށާއި ގައުމީ ތަރައްގީއަށް ފަހި ވިސްނުމަކުން ވިސްނައި، މަސައްކަތުގެ މާހައުލުގައި އިސްތިރާޖީ ވިސްނުންތަކުން ވިސްނައިގެން އިސްތިރާޖީ ގޮތްތަކެއް ނިންމާ މުވައްޒަފުންތަކެއް އުފެއްދުމެވެ.
މި ޕްރޮގްރާމުގައި، ޖޫން 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސެޝަންތަކުގައި މަސައްކަތު މާހައުލުގައި ރިވެތި އަހުލާގާއި ފަހި ވިސްނުމަކުން ވިސްނުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދިރިއުޅުމުގައި ކުށްވެރިންގެ ޝިކާރައަށް ނުވެ ރައްކާތެރިކަމާއެކު ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތުގެ އެކްޓިވިޓީތަކާއި ވަގުތުގެ މުހިންމުކަމާއި، ގުޅިގެން މަސައްކަތް ކުރުމުން މަސައްކަތުގެ ނަތީޖާއަށް އަންނާނެ ހެޔޮ ބަދަލުތައް މުވައްޒަފުންނަށް ދެނެގަނެވޭގޮތަށް ކުރިއަށް ގެންގޮސްފައިވެއެވެ. ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޖޫން 5 ވަނަ ދުވަހު މަނިޔަފުށީގައެވެ.
މި ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންނަކީ ޒިންމާދާރު ބަޔަކަށްވުމާއި މުއައްސަސާގެ ކުރިއެރުމަށް މުވައްޒަފުންގެ އެއްބާރުލުން އިތުރުވެގެންދާނެއެވެ. އަދި މުވައްޒަފުންނަކީ އެކުވެރި، އެއްބައިވަންތަ ގައުމީ އަދި ވަޠަނީ ރޫހުގައި މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެއެވެ. އަދި މުވައްޒަފުންނަކީ ފަރުދީގޮތުންނާއި އިޖުތިމާއީ ގޮތުން ޒިންމާނަގައި މަސައްކަތް ކުރާނެ މުވައްޒަފަކަށް ވެގެންދާނެއެވެ.
"އަރުތަ" މި ލަފުޒުގައި ހިމެނޭ އ އިން ރަމްޒުކޮށްދެނީ އެހީތެރިކަމެވެ. ރ އިން ރަމްޒުކޮށްދެނީ ރައްކާތެރިކަމެވެ. އަދި ތ. އިން ރަމްޒުކޮށްދެނީ ތަޖުރިބާއެވެ.
އަރުތަ ޕްރޮގްރާމަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ފަރުދީގޮތުން ޒިންމާ އަދާކުރުމަށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


