ރާއްޖެގެ އާރޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް އިފްތިތާހުކޮށްފި
31 ޖުލައި 2025 - 08:13

ރާއްޖެގެ އާރޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް އިފްތިތާހުކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަސްލާ ކުރާ މާލަމުގައި މިކަމަށްޓަކައިބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެގެ އާރޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި އެން.ސީ.އައި.ޓީގެ ވެރިޔާ ޑރ. މުޙައްމަދު ކިނާނަތު އަދި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް އެވެ.

Ad by Hajj Corporation
މި މަސައްކަތަކީ ޔުނެސްކޯ ގެ އިސްނެންގެވުމުގެ މަތިން، އެން.ސީ.އައި.ޓީ އާއި އެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީއަކުން ފާއިތުވީ 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.
ހޯމް މިނިސްޓްރީން ބުނީ އޭ.އައި. ރެޑިނަސް އެސެސްމްނެޓް ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ޤައުމަކުން ތަސްތީދުކޮށްފައިވާ "ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އަސާސަކަށް ބަލައި އޭގައިވާ ގޮތުގެ މަތިން މުޖުތަމައުގެ އެންމެން ހިމެނޭގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކު، އިންސާނީ ހައްޤުތަކާއި ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދޭނެ އުސޫލްތަކެއްގެ މަތިން ކަންކަން ބައްޓަންކޮށް މުޖުތަމައުގެ ލާބަޔާ މަންފާ ހިމެނޭގޮތަށް އޭ.އައި ގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްކަމަށެވެ. އަދި މިކަންކަން ހާސިލްކުރުމުގައި ޒިންމާދާރުކަމާއި، ދެފުށް ފެންނާނޭހެން ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމަށް ބާރުއެޅުންވެސް މި އޮނިގަޑުގެ މަޤްސަދުތަކުގެތެރޭގައި ހިމެނޭކަންވެސް މިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަދި އެން.ސީ.އައި.ޓީގެ ވެރިޔާ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެފައިވަނީ މި ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމުގައި އިތުރު އެހީތެރިކަމެއް ލިބި އަދި ހާއްސަކޮށް އޭ.އައިގެ ރޮނގުން ކުރިއެރުން ހޯދުމުގެ ދުވެލި ބާރުވެގެންދާނެކަމަށެވެ.
މި ބައްދަލުވުމުގައި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް އަދި އ.ދ. އިން ދިވެހިރާއްޖޭއަށް ކަނޑަ އަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒެންގް އަދި ޔުނެސްކޯގެ ސައުތް އޭޝިޔާގެ ރީޖަނަލް އޮފީހުގެ ޗީފް އޮފް ސޯޝަލް އެންޑް ހިއުމަން ސައިންސް ސެކްޓަރ، މިސް އިންސޮގ ކިމްގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި ޓެކްނޮލޮޖީ ދާއިރާ ތަމްސީލްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވަޑައިގެންނެވިއެވެ.