ޢާސިފްގެ ޖަނާޒާ ފުލުހުންގެ ރަސްމީ އިއްޒަތުގައި ބާއްވައިފި
11 ޖޫން 2026 - 18:35

ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ގެ ޖަނާޒާ ފުލުހުންގެ ފުރިހަމަ އިއްޒަތުގައި މިރޭ ބާއްވައިފިއެވެ.
އިސްލާމީ މަރުކަޒުގައި އޮތް މޫނު ދެއްކުމުގެ ރަސްމިއްޔާތަށްފަހު، މަރޫޙޫމްގެ ކަށުނަމާދު އޮތީ މިރޭގެ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

Ad by Hajj Corporation
ކަށުނަމާދަށްފަހު މަރްޙޫމް ފަސްދާނުލާފައި ވަނީ މައްޗަންގޮޅި އާސަހަރާގައެވެ.
ސީޕީ އަހްމަދު މުހައްމަދު އާސިފަށް ފަހުގެ އިހްތިރާމް އަދާކުރަށްވަނީ، ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތަށާއި ޤައުމަށް، މަރްޙޫމް ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މަރްޙޫމްގެ ސަންދޯއް އުފުލާފައިވަނީ ފުލުހުންގެ ސަންދޯއްވެރިން ކޮނޑު މަތީގައެވެ.
މި ޖަނާޒާގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، ޚިދުމަތުގައި ތިއްބެވި އަދި ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ޤައުމީ ޚިދުމަތުގައި ހުންނަވަނިކޮށް ވަކިވެދިޔަ ފުލުހެއްގެ ޒިކުރާ އާކުރުމުގެ ގޮތުން ބޭއްވުނު ރަސްމީ ޖަނާޒާއެކެވެ.
ހިތާމައިގެ މި ދަނޑިވަޅުގައި، މަރްޙޫމްގެ ޢާއިލާއަށާއި، ރަޙުމަތްތެރިންނަށާއި، އެކުގައި މަސައްކަތް ކުރެއްވި ފުލުހުންނަށް ތަޢުޒިޔާ އަރިސްކުރަމެވެ. މާތްﷲ މަރްޙޫމްގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ.


