ދުވަހު ކުއްޔަށް ކޮޓަރިއާއި ތެއްލިކެޔޮ ވިއްކާ ކަމަށް ބުނާ ސްކޭމަރެއް ހޯދަނީ!
11 ޖޫން 2026 - 16:17

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް (TikTok) މެދުވެރިކޮށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ "އިނާޒާ" ކިޔާ އެކައުންޓަކަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
ޓިކްޓޮން އެކައުންޓް ނަމަކަށް "އިނާ" ޖަހާފައިވާ އެކައުންޓުން ދަނީ ހުޅުމާލޭގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމާއި ތެއްލިކެޔޮ ފަދަ ތަކެތި ވިއްކާ ކަމަށް ބުނެ އިސްތިހާރުކޮށްގެން މީހުން ވާވައްދައި ސްކޭމުގައި ޖައްސަމުންނެވެ.

Ad by Hajj Corporation
ފުލުހުން ހާމަކުރި ގޮތުގައި، "@އިނާޒާ" މި ހޭންޑަލްގައި ހިންގަމުންދާ އެކައުންޓަކީ އާންމުންގެ އަތުން މަކަރާއި ހީލަތުން (ސްކޭމް) ކަންތައްތައް ހިންގަމުންދާ އެކައުންޓެއްގެ ގޮތުގައި ފާހަގަކުރެވި ރިޕޯޓްކުރެވިފައިވާ އެކައުންޓެކެވެ. އެހެންކަމުން، މި އެކައުންޓާ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ނުކުރުމަށާއި، މިފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އެދިފައެވެ.
https://www.facebook.com/photo?fbid=122165377022816082&set=a.122110147496816082
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެ އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށާއި، މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، މި މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދީ، މަކަރާއި ހީލަތުގެ މިފަދަ ދަލުގައި އިތުރު މީހަކު ޖެހުނަނުދިނުމަށް އެހީތެރިވެދިނުމަށް ފުލުހުން ވަނީ އެދިފައެވެ.


