"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމުގައި ސާބިތުކަމާއެކު ސަރުކާރު ދެމިއޮންނާނެ"
20 ފެބްރުއަރީ 2026 - 09:52
އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމުގައި ސާބިތުކަމާއެކު ސަރުކާރު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދުވަސް ފާހަގަކުރާއިރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާ އެކުގައިކަމަށާއި، މިއީ ރާއްޖޭގެ ހާލަތަށް ބަލާއިރު ކިހާ މުހިންމު ދުވަހެއްކަމާމެދު ވިސްނާލަންޖެހޭކަމަށެވެ. އެގޮތުން މިފަދަ ދުވަހެއް ފާހަގަކުރާ އެންމެ ބޮޑު މަގްސަދަކީ ޖިއޮގްރަފިކަލް ގޮތުން އެކި ކަންކޮޅުތަކަށް ބެހިފައިވާ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައިވާ އަބުރުވެރި، ރައްކާތެރި ދިރިއުޅުމެއް ޔަގީންކޮށްދިނުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރަޢިސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާއި، ދަތުރުފަތުރުގެ ނިޒާމުތައް ގާއިމްކޮށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަަަށް ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަމަށެވެ. މީގެއިތުރުން މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ހިމެނޭ އިގްތިސާދީ ފުރުސަތުތައް ހަމަހަމަކަމާއެކު ފަހިކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އުންމީދުން ފުރިގެންވާ މުސްތަގުބަލެއް ހޯދައިދީ، ބާރުވެރި މީހަކަށް ހެދުމަށްޓަކައި ތައުލީމާއި ހުނަރުތައް ތަރައްގީކުރުމަށް ސަރުކާރުން ވުނަކުރަމުން ގެންދާކަމަށެވެ. އެމަސައްކަތުގައި ތަފާތު ގޮންޖެހުންތައް ދިމާވިނަމަވެސް، ސަރުކާރުގެ އަޒުމަކަށް ބަދަލެއް ނާންނާނެކަމަށާއި، ދިވެހި ރައްޔިތުންނަށް މިއަށްވުރެ ފާގަތި، ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރުމުގައި ދެމިއޮންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ad by Hajj Corporation


