އޮޒިލްގެ ބަންގްލަދޭޝް ދަތުރު: އިންސާނިއްޔަތުކަމުގެ ރީތި ނަމޫނާއެއް
21 ފެބްރުއަރީ 2026 - 09:54

ޖަރުމަނުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި މެސުތު އޮޒިލް، 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހު ބަންގްލަދޭޝްއަށް ކުރި ޒިޔާރަތަކީ އިންސާނިއްޔަތުކަމުގެ ރީތި ނަމޫނާއެއް ފެނިގެންދިޔަ، ގިނަ ބައެއްގެ ލޯތްބާއި ތައުރީފު ލިބުނު ތާރީޚީ ދަތުރަކަށް ވެއްޖެއެވެ.
ރަމަޟާން މަހުގެ ފެށުމާ ދިމާކޮށް ކުރިއަށްދިޔަ މި އިންސާނީ މިޝަންގައި އޮޒިލް ބައިވެރިވީ ތުރުކީގެ 'ޓީކާ' އަދި 'ދިޔާނަތު ވަގުފު' ފަދަ ޖަމްއިއްޔާތަކުގެ އެހީގައެވެ. މި ދަތުރުގައި އޮޒިލްގެ އަރިހުގައި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ދަރިކަލުން ބިލާލް އުރުދުޣާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
މި ދަތުރުގެ އެންމެ މުހިންމު އެއް ހަރަކާތަކީ، ތުރުކީގެ އެހީގައި ޑާކާ ޔުނިވަރސިޓީގައި އަލުން މަރާމާތުކޮށް ތަރައްގީކުރި 'ޝަހީދު މުރުތަޟާ މެޑިކަލް ސެންޓަރު' އޮޒިލް އިފްތިތާޙްކޮށްދެއްވުމެވެ. މިއީ އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކުރި މަރުކަޒެކެވެ.
އޮޒިލް ރޮހިންޔާ މުސްލިމުން ކުދިންނާއެކު ކުޅުނު މެޗަށްފަހު
އޮޒިލްގެ މި ޒިޔާރަތުގައި ކޮކްސް ބާޒާރުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކޮށް، ރޮހިންޔާ މުސްލިމުންގެ ހާލަތު ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން އެތަނުގެ ފީލްޑް ހޮސްޕިޓަލްތަކާއި، ތައުލީމީ މަރުކަޒުތަކުގެ އިތުރުން މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކަށް އޭނާ ޒިޔާރަތްކުރެއްވިއެވެ.
މި ދަތުރުގެ އެންމެ އަސަރުގަދަ މަންޒަރުތައް ފެނިގެންދިޔައީ ކޭމްޕް ނަންބަރު 4 އިންނެވެ. އެތަނުގައި ތިބި ރޮހިންޔާ ކުޑަކުދިންނާއެކު އޮޒިލް ވަނީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައެވެ. މި މެޗުގައި އޭނާ ލަނޑެއް ޖަހައި، އެ ކުދިންނާއެކު އުފާފާޅުކޮށް ބައްދާލި މަންޒަރުތައް މީސްމީޑިއާގައި ވަރަށް ބޮޑަށް ފެތުރި، ގިނަ ބައެއްގެ ހިތްތަކާ ވަނީ ކުޅެލާފައެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އޮޒިލް ވަނީ ރޮހިންޔާގެ އާއިލާތަކާއެކު ރޯދަވީއްލުމުގައި ބައިވެރިވެ، އެ ނިކަމެތި ރައްޔިތުންނާއެކު އޭނާ ހުރިކަން ހާމަކޮށްދީފައެވެ.
މި ދަތުރު ނިންމާލުމަށްފަހު އެނބުރި ދިޔަ މަގުމަތީގައި އޮޒިލްގެ ކޮންވޯއީއަށް ކުޑަ އެކްސިޑެންޓެއް ކުރިމަތިވި ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ދަތުރަށްފަހު އޮޒިލް ބުނީ، ރޮހިންޔާ މީހުންގެ ހައްގުގައި މުޅި ދުނިޔެއިން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިއީ ފުޓްބޯޅައިގެ ޒަރީއާއިން އިންސާނިއްޔަތުކަން ދިރުވައި، ހާލުގައި ޖެހިފައިވާ މުޖުތަމައުތަކަށް އުއްމީދާއި އުފާވެރިކަން ގެނެސްދެވޭނެކަން ސާބިތުކޮށްދިން މުހިންމު ދަތުރެކެވެ.


