މެޑްރިޑްއަށް ތަށީގެ ވަސްޖެހިލާފައި ގޮސްފި، ހުރިހާ ބާރެއް ބާސާއަށް
22 ފެބްރުއަރީ 2026 - 04:09

ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފިއެވެ. ހޮނިހިރު ދުވަހު ކުޅުނު މެޗުގައި އޮސަސޫނާ އަތުން 2-1 އިން ބަލިވުމާއެކު، ތަށީގެ ރޭހުގައި އަލްވާރޯ އަރްބެލޯގެ ޓީމަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.
ބާސެލޯނާ އާދީއްތަ ދުވަހު ލެވަންޓޭއާ ދެކޮޅަށް ކުޅެން އޮތްއިރު، މި މެޗުން މޮޅުވިނަމަ ރެއާލް މެޑްރިޑަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބުނީހެވެ. ނަމަވެސް، މިއީ 2011 ވަނަ އަހަރަށްފަހު އޮސަސޫނާ އަތުން ރެއާލް މެޑްރިޑް ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގެ ކުރީކޮޅު އޮސަސޫނާގެ އަންޓޭ ބުޑިމިރް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ކޯޓުއާ ދިފާއުކުރި ނަމަވެސް، މެޗުގެ 38 ވަނަ މިނެޓުގައި ބުޑިމިރަށް ކޯޓުއާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ވަނީ އޮސަސޫނާއަށް ލީޑު ނަގައިދީފައެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ކުޅުން ރަނގަޅުކޮށް، ކީލިއަން އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ. ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ފެޑޭ ވަލްވާޑޭ ނަގައިދިން ހުރަހަކުން ވިނީޝިއަސް ޖޫނިއަރެވެ. މީގެ އިތުރުން އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގުމަތިން ދިފާއުކުރުމުން ރެއާލްއަށް މެޗުން މޮޅުވުމަށް ކުރި އުންމީދުތައް އާވިއެވެ.
ނަމަވެސް، މެޗުގެ ފަހުކޮޅު ޑެނީ ސެބާޔޯސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރައުލް މޯރޯ ތަނަވަސްކޮށްދިން ފުރުސަތަކުން ރައުލް ގާސިއާ ވަނީ ރެއާލްގެ ކޯޓުއާ ބަލިކޮށް އޮސަސޫނާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މި ލަނޑާއެކު އެލް ސަދާރު ސްޓޭޑިއަމްގައި ތިބި އޮސަސޫނާގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ޖެނުއަރީ 2011 ގެ ފަހުން ރެއާލް މެޑްރިޑް އަތުން އޮސަސޫނާ ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ބަލިނުވެ 11 މެޗު ރެއާލްއިން ވަނީ ފުރިހަމަކޮށްފައެވެ. އަދި ބުޑިމިރް މިހާރު ވަނީ ރެއާލްއާ ދެކޮޅަށް ކުޅުނު 11 މެޗުގައި 4 ލަނޑު ޖަހާފައެވެ. މިއީ 21 ވަނަ ގަރުނުގައި އޮސަސޫނާގެ ކުޅުންތެރިއަކު ރެއާލް މެޑްރިޑް ކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ރެކޯޑެވެ.


