23 ފެބްރުއަރީ 2026 - 14:22

މާލެޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މުޅި ޖުމުލަ 464،819 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުން ފާއިތުވި 48 ގަޑިއިރު ކުރި މަސައްކަތުގެ ބައެއް ތަފާސްހިސާބު ވަނީ ޢާންމުކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ގަލޮޅު ފުލުހުން ވަނީ އެކިއެކި ކުށްވެރިން ފޭރުނު ނުވަތަ ވަގަށް ނަގާފައިވާ ޖުމުލަ 365،099 ރުފިޔާ އަނބުރާ ހޯދާފައެވެ. އަދި ހެންވޭރު ފުލުހުން 65،000 ރުފިޔާ އަނބުރާ ހޯދާފައިވެއެވެ.
މީގެ އިތުރުން މާފަންނު ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެކި މީހުންގެ އަތުން ގެއްލުނު 138،552 ރުފިޔާގެ ތެރެއިން މުޅި ޖުމުލަ 34،720 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނުން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި 18 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

Ad by Hajj Corporation
މީގެ އިތުރުން، ދެ ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާ ކަމާއި، 35 ހާދިސާއެއް ރިކޯޑުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ. އަދި ޓްރެފިކް ފުލުހުން 39 މައްސަލައެއް ބަލާފައިވާ ކަމަށާއި، 738 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަންއިން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 13 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފަައިވެއެވެ. އަދި 6 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާ ކަމަށާއި، 24 ހާދިސާއެއް ރިކޯޑުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ. އަދި ޓްރެފިކް ފުލުހުން 101 މައްސަލައެއް ބަލާފައިވާ ކަމަށާއި، 752 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ބުންޏެވެ.
މީގެއިތުރުން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުގެ ތެރެއިން 25 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފަައިވެއެވެ. އަދި 10 ހާދިސާއަކަށް އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވެފައިވާއިރު، 33 ހާދިސާއެއް ރިކޯޑުކޮށްފައިވެއެވެ.
ހަމައެހެންމެ، 777 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން ޢާއްމުކޮށް މައްސަލަތައް ހުށައެޅޭ 112 ސަރަޙައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.


