ރައީސް، އެސްޓޯނިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
24 ފެބްރުއަރީ 2026 - 06:04

އެސްޓޯނިއާގެ 108 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްއަށާއި ބޮޑުވަޒީރު ކްރިސްޓެން މިހަލް އަދި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސްއަށާއި، ބޮޑުވަޒީރުގެ އިތުރުން އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ، އެސްޓޯނިއާގެ އެންމެހައި ރައްޔިތުންނަށް ކުރިއަށް އޮތް އަހަރަކީ ބާއްޖަވެރި އަދި ފާގަތި އަހަރަކަށްވުމަށް އެދޭކަމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ރާއްޖެއާއި އެސްޓޯނިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން މިވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެސްޓޯނިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޑިޖިޓަލް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އެސްޓޯނިއާއަށް ކުރެއްވި މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްޓޯނިއާގެ ކުރިއެރުންތައް ބައްލަވާ، ރާއްޖޭގެ ފަންނިއްޔާތުގެ ދައިރާ ކުރިއެރުވުމަށް އެ ޤައުމުގެ އެހީތެރިކަން ހޯއްދެއްވުމަށް ނިންމަވާފައެވެ. އަދި އެޤައުމުންވެސް ވަނީ ރާއްޖެއަށް އެހީވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.


