56 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި
25 ފެބްރުއަރީ 2026 - 12:53

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން 56 ރަށަަކަށް ފޮނުވުމަށްޓަކައި ގެނައި އެމްބިއުލާންސްތައް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ރަށްތަކަށް ފޮނުވައިފިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް ދެނެގަތުމުގެ ތެރެއިން ފެއްޓެވި މަސައްކަތެވެ.
އެމްޕީއެލްއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުންނެވެ. މި މަޝްރޫޢަށް 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ 56 އެމްބިއުލާންސް މާލެ ގެނެސް، އެމްބިއުލާންސް ފޮނުވަން ހަމަޖެހިފައިވާ ރަށްތަކާ ތަޅުދަނޑި ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތުގެ ދަށުން މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރަށްތަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް އެމްޕީއެލްއިން ކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ދަށުން އެމްޕީއެލްއިން ރާއްޖެ ގެނައި 56 އެމްބިއުލާންސްގެ ތެރެއިން އެއް އެމްބިއުލާންސް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއެވެ. ބާކީ އެމްބިއުލާންސްތައް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކަށް ފޮނުވާފައިވާ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އަދި މަސައްކަތް އެއްކޮށް ފެބްރުވަރީ މަުގެ 14 ވަނަ ދުވަހަށް ނިންމާލާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
އެމްބިއުލަންސްތައް ހަވާލުކުރުމުގެ އިތުރުން، އެތަކެތި ދުއްވުމާއި، މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މަޢުލޫމާތު އެމްޕީއެލްގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައެވެ. އަދި މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލާންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް އެތަންތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މީގެއިތުރުން، އެމްބިއުލާންސްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދެމެހެއްޓެނިވިގޮތަކަށް މި އެމްބިއުލާންސްތައް ބޭނުންކުރެވޭނެހެން މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިގޮތަށް މިކަން ކުރުމަށް ސިއްޙީ ވުޒާރާއާއެކު އެއްބަސްވުމެއް ހަދައި އެމްބިއުލާންސްތައް ސަރވިސްކުރުމާއި، ބޭނުންވާ ސްޕެއަރ ޕާޓްސް ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

Ad by Hajj Corporation
މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ސިއްޙީ ވުޒާރާއިން މީގެ ކުރިން ބުނެފައިވެއެވެ.


