8 އަހަރުން ލިބުނު 6 ލީގު ފެނަށްގޮސް މެންޗެސްޓަރ ސިޓީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމާގާތަށް
27 ފެބްރުއަރީ 2026 - 04:40

ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ހަ ފަހަރު ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށް، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި ރެކޯޑަށް، މާލީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނެ ކުރެވޭ 115 ދަޢުވާއާއެކު ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ. މި ހުރިހާކަމެއްގެ އަދަބެއްގެ ގޮތުން މެންޗެސްޓަރ ސިޓީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްކުރުން ވަރަށްގާތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ ދެވިދާނެ އަދަބުތަކާ ގުޅޭގޮތުން ފުޓްބޯޅަ ފައިނޭންސް އެކްސްޕާޓް ކިއެރަން މެގުއަޔާ ވަނީ އޭނާގެ ޚިޔާލު ފާޅުކޮށްފައެވެ. ސިޓީގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ހިސާބުތައް އޮޅުވާލުމާއި، ރަސްމީ ރެކޯޑްތަކުން ބޭރުން ފައިސާގެ މުޢާމަލާތްތައް ހިންގާފައިވާ ކަމަށެވެ. މި ދަޢުވާތަކަށް ޕެޕް ގާޑިއޯލާގެ ޓީމުން ތަކުރާރުކޮށް އިންކާރު ކުރި ނަމަވެސް، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 10 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި މައްސަލައިގެ އަޑުއެހުންތައް ފަށާފައެވެ.

Ad by Hajj Corporation
މެގުއަޔާ ބަޔާންކުރި ގޮތުގައި، ޕްރިމިއާ ލީގަށް ސިޓީ ދަށް ޑިވިޜަންތަކަށް (ލީގު ވަން ނުވަތަ ލީގު ޓޫ އަށް) ރެލިގޭޓް ކުރުމުގެ ބާރެއް ނޯންނާނެއެވެ. އެއީ އީ.އެފް.އެލްގެ ނިންމުމަކަށް ވާތީއެވެ. އެހެންކަމުން، އެންމެ އެކަށީގެންވާ އަދަބަކީ ޕޮއިންޓް އުނިކުރުމެވެ. "ޕްރިމިއާ ލީގަށް މެންޗެސްޓާ ސިޓީ ލީގު ވަން ނުވަތަ ލީގު ޓޫ އަށް ރެލިގޭޓެއް ނުކުރެވޭނެ. އެހެންކަމުން ދެވޭނެ އަދަބަކީ ޕޮއިންޓް އުނިކުރުން،" މެގުއަޔާ ބުންޏެވެ. ނަމަވެސް މި ދަޢުވާތައް ސާބިތުވެއްޖެނަމަ 60 ޕޮއިންޓާއި ގާތަށް ޕޮއިންޓް އުނިކުރެވޭނެކަމަށް ބެލެވެއެވެ. އެހެންކަމުން އޮޓޮމެޓިކުން ސިޓީ ދެވަނަ ރެލިގޭޓްވާނެއެވެ.
މީގެ ކުރިން އެވަަޓަން އާއި ނޮޓިންހަމް ފޮރެސްޓަށް ދީފައިވާ އަދަބުތަކަށް ރިޢާޔަތްކޮށް މެގުއަޔާ ފާހަގަކުރީ، ސިޓީގެ މައްސަލަ މާ ބޮޑު ކަމަށެވެ. އެވަަޓަން އާއި ފޮރެސްޓްގެ ޕޮއިންޓް އުނިކުރީ ތިން އަހަރުގެ ތެރޭގައި ހިންގި އެންމެ އަމަލަކާ ގުޅިގެންނެވެ. ނަމަވެސް ސިޓީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ނުވަ އަހަރުގެ މުއްދަތަކަށް ދެމިގެންގޮސްފައިވެއެވެ.
މެގުއަޔާ ލަފާކުރާ ގޮތުގައި، ކުރީގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޓީގެ އަތުން 40 އާއި 60 އާ ދެމެދުގެ އަދަދަކަށް ޕޮއިންޓް އުނިކުރުމަކީ އެކަށީގެންވާ ކަމެކެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި ފޮރެސްޓާއި އެވަަޓަންގެ މައްސަލައިގައި ފެނުނު އަދަދުގެ ފަހަތަށް ސުމެއް އިތުރުކުރަން ޖެހޭނެ،" އޭނާ އިތުރަށް ބުންޏެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން މިމައްސަލައިގެ ބާވަތުން ސިޓީހޯދާފައިވާ ތަށިތައް އަތުލުމަކީވެސް ކޮށްފާނެކަމެކެވެ.
މިހާރު ލީގު ތާވަލުގެ ދެވަނައިގައި 56 ޕޮއިންޓާއެކު އޮތް ސިޓީގެ އަތުން 60 ޕޮއިންޓް އުނިކޮށްފިނަމަ، އެ ޓީމު ތާވަލުގެ އެންމެ ފުލަށް ވެއްޓި، ޕޮއިންޓްގެ އަދަދު މައިނަސް 4 އަށް އަރާނެއެވެ. މި މައްސަލައިގެ ފަހުގެ ނިންމުމަށް މުޅި ފުޓްބޯޅަ ދުނިޔެ މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ.


