އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ފުރުސަތުތައް މިއަހަރުވެސް ދޭނެ
28 ފެބްރުއަރީ 2026 - 05:45

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ޒަކާތު ސްކޮލަރޝިޕް މިއަހަރުވެސް ދިނުމަށް ނިންމައިފިއެވެ.
ޒަކާތު ހައުސްގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ އާ ވާހަކަދައްކަވަމުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވިދާޅުވީ، މިއަހަރުވެސް ޒަކާތު ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މިފެށޭ މަހުގެ ތެރޭގައި ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ޝައިޚް އިމްތިތާޢު ވިދާޅުވީ ޒަކާތު ޤާނޫނާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސް ސްކޮލަރޝިޕް ފަދަ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުކުރުމަށް ފުރުޞަތު ލިބިގެންދާނެކަމަށެވެ.

Ad by Hajj Corporation
ޒަކާތު ފަންޑުން ތަޢުލީމީ ދާއިރާއަށް ޚަރަދުކުރަނީ އިސްލާމީ ޢިލްމު ފުޅާކުރުމަށްކަން ފާހަގަކުރައްވާ، ޝައިޚް އިމްތިޠާއު ވިދާޅުވީ އިސްލާމީ ދާއިރާތަކުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ކިޔެވުމަށް ޚަރަދުކުރާކަމަށެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން މިދިޔަ އަހަރު ވަނީ 50 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލާފައެވެ. މީގެ ތެރެއިން 20 ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުސަތު ހުޅުވާލީ، މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތައް ހިމެނޭހެން ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ.
އެގޮތުން މެލޭޝިއާއާ ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ހުޅުވާލިއެވެ. މިދިޔަ އަހަރު އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކުރުމަށްދޭ ފުލް ސްކޮލަރޝިޕް، 17 ދަރިވަރަކަށް ދީފައި ވެއެވެ. އަދި 7 ދަރިވަރަކަށް ހާއްސަ ސްކޮލަރޝިޕް ދީފައިވެއެވެ.
7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް އަލުން ދޭން ފެށީ މިދިޔަ އަހަރުގައެވެ. އެންމެ ފަހުން ޒަކާތު ފަންޑުން ސްކޮލަރޝިޕް ދީފައިވަނީ 2018 ވަނަ އަހަރުގައެވެ.


