ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ މަގު ފަހިކޮށް، އާއިލީ ބޯހިޔާވަހިކަމަށް އިސްކަމެއް
28 ފެބްރުއަރީ 2026 - 06:07

އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ މަގު ފަހިކޮށްދީ އާއިލީ ބޯހިޔާވަހިކަމަށް އިސްކަން ދިނުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން "ލިންކްޑްއިން"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫޢުގެ ދަށުން ފަސް ބިމެއްގައި 1،000 ހައުސިންގް ޔުނިޓް އެޅުމަށް ހަމަޖެހިފައިވެއެވެ. އެއީ ކޮންމެ ބިމެއްގައި 200 ހައުސިންގ ޔުނިޓެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ތަންތަނުގެ ތެރެއިން 70 އިންސައްތައަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 30 މަސްދުވަހުގެ މުއްދަތެކެވެ.
ގިނަ އަހަރުތަކެއް ވަންދެން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ދެ މޮޑެލްއެއްގެ މައްޗަށް ކަމަށާއި އެއީ ލޯނު ނަގައިގެން ސޯޝަލް ހައުސިންގ އިމާރާތްކުރުމާއި، އެޗްޑީސީ މެދުވެރިކޮށް ރިއަލް އެސްޓޭޓް އުސޫލުން ހިންގާ މަޝްރޫޢުތައްކަން ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. މީގެ ތެރެއިން ރިއަލް އެސްޓޭޓް މަޝްރޫޢުތަކުގައި ވަކި އަދަދެއްގެ ޔުނިޓްތައް ވިއްކާފައިވަނީ ކޮންޓްރޯލް ކުރެވިފައިވާ އަގުތަކެއްގައެވެ.
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވަނީ މިފަދަ ސަބަބުތަކާހުރެ ކަމަށެވެ. އަދި މި އިސްނެގުމުގެ ދަށުން، ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ދާދިފަހުން ހުޅުމާލެ ފޭސް 3 ގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލްގެ ދަށުން 1,000 "އެފޯޑަބަލް ހޯމް އޯނަރޝިޕް" ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އިޢުލާނުކޮށްފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ޕޯސްޓުގައި ވަނީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަށް އަލިއަޅުއްވާލައްވާފައެވެ. އެއީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ރައްކާތެރި، އަދި އަތްފޯރާ ފަށުގައި ގެދޮރުގެ މިލްކުވެރިކަން ހޯދައިދިނުމެވެ. އަދި ބިމުގެ އަގު އުފުލި، ކުލީގެ އަގުތައް ބޮޑުވެފައިވާ ދުވަސްވަރެއްގައި، މި ޕްރޮގްރާމްގެ ސަބަބުން އަގުހެޔޮކަން ހަމައެކަނި މާކެޓަށް އަގުތައް ކަނޑައެޅުމުގެ ބާރު ދޫކޮށްނުލުމަކީވެސް މި ޕްރޮގްރާމުގެ މަގުސަދެކެވެ.
މާކެޓުގައި ބިމުގެ އަގު އުފުލެމުންދިޔަ ނަމަވެސް، މި މަޝްރޫޢުގެ ދަށުން ވިއްކާ އެޕާޓްމަންޓްތަކުގެ އެންމެ މަތީ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 2 ކޮޓަރީގެ އެޕާޓްމަންޓެއް 1.8 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަގަކަށް ވިއްކޭއިރު، 3 ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނީ 2.3 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަގަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިމާރާތްކުރާ ޔުނިޓުތަކުގެ ތެރެއިން ގިނަވާނީ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ކަމަަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމުން ދައްކުވައިދެނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނިޒާމަށް އައިސްފައިވާ ހަރުދަނާ ބަދަލު ކަމަށެވެ. އަދި ޑިޒައިން އެންޑް ބިލްޑް އުސޫލުން މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ހުޅުވާލާފައިވަނީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކަށް ޙިއްސާ އިތުރުކޮށް، ކުރިއެރުމަށް ފުރުޞަތު ހޯދައިދިނުމަށް ކަމަށެވެ.
ވަޒީރުގެ މެސެޖުގައި ގެދޮރުވެރިކަމުގެ ސިޔާސަތަކީ ހަމައެކަނި އިމާރާތް ކުރުން ނޫން ކަމަށާއި، މިއީ އާއިލާތައް ހަމަޖެހި، ކުއްޔަށް ބަރޯސާވުން ކުޑަކޮށް، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު ބިނާކުރުން ކަމަށް ވިދާޅުވިއެވެ. އަދި މިއީ ހުރިހާ ފަންތިއަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation


