އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެކަން އިއުލާންކޮށްފި
1 މާރިޗު 2026 - 02:33

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް އީރާންގެ ދައުލަތުގެ ޓީވީން އިއުލާންކޮށްފިއެވެ.
ޚާމަނާއީ އަވަހާރަވިކަން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)އާ ގުޅިފައިވާ ޚަބަރު ފަތުރާ އިދާރާއެއް ކަމަށްވާ ފަރސް ނިއުސް އެޖެންސީން ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އައިއާރުޖީސީއަކީ އީރާންގައި އޮތް އެންމެ ވަރުގަދަ އަސްކަރީ ބާރެވެ.

Ad by Hajj Corporation
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލައިފި ކަމަށް ބުނެ ފަތުރަމުންގެންދާ ވާހަކަތައް، ޚާމަނާއީގެ އޮފީހުން ރޭ ވަނީ ދޮގުކޮށްފައެވެ. ނަމަވެސް، ފަހުން އެ ގައުމުގެ ދައުލަތުގެ ޓީވީން މިވަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ކުރިއަށް އޮތް 40 ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އީރާންގެ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ހަތް ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ޚާމަނާއީ އަވަހާރަ ކޮށްލެވިފައިވާ ކަމަށް ފުރަތަމަ ރިޕޯޓްކުރީ ޒަޔަނިސްޓު މީޑިއާއިންނެވެ.
އޭގެފަހުން، މުޖުރިމު ނަތަންޔާހޫ ބަންކަރު ތެރޭގައި ފިލާހުރެ ނެރުނު ވީޑިއޯ ބަޔާނެއްގައި ބުނެފައިވަނީ، އީރާނަށް ދެވުނު ހަމަލާތަކަށްފަހު “ފެންނަ ނިޝާންތަކުން” ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އޭގެފަހުން، އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ، ޚާމަނާއީ އަވަހާރަ ކޮށްލެވިފައިވާ ކަމަށް ބުނެފައެވެ. ޓްރަމްޕް އެކަން ހާމަކޮށްފައިވަނީ އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.
އީރާނުގެ ފާރސް ނޫހުން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންނާއި އަދި ކާފަދަރިކަލަކުވެސް އަވަހާރަވެފައިވާ ކަމަށެވެ. ހަމަލާ އަމާޒުވީ އެ ބޭފުޅުން ކޮންތަނެއްގައި ތިއްބަވަނިކޮށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލުން މިހާރުވެސް އީރާނުގެ ވެރިރަށް ތެހެރާނަށް ބޮންއަޅަމުން ގެންދާއިރު، އެމެރިކާގެ ހަނގުރާމައިގެ ރައީސް ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލްގައި ލިޔުނު ޕޯސްޓެއްގައި އީރާނު ސިފައިންނަށާއި ފުލުހުންނަށް ގޮވާލާފައިވަނީ ރައްޔިތުންނާ ގުޅިގެން އީރާނު ސަރުކާރު ވައްޓާލުމަށެވެ.
އަދި އެމެރިކާއާއި އިސްރާއީލުން އެއްދުވަސްތެރޭ ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ ބޮޑުބައެއް ސުންނާފަތި ކޮށްލެވިފައިވާ ކަމަށާއި، އެމެރިކާގެ މަގްސަދު ހާސިލްކުރުމަށް ހަފްތާއަކަށް ނުވަތަ އެއަށް ވުރެންވެސް ދިގު މުއްދަތަކަށް އީރާނަށް ވައިގެ ހަމަލާތައް ދިނުން ކުރިއަށް ދާނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.


