އީރާނާއެކު މަޝްވަރާ ކުރުމަށް ވިޓްކޮފް އާއި ކުޝްނަރު ޕާކިސްތާނަށް ކުރަން އޮތް ދަތުރު ޓްރަމްޕް ކެންސަލް ކޮށްފި
25 އޭޕްރީލު 2026 - 19:12

އީރާނާއެކު މަޝްވަރާ ކުރުމަށް އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި އެޑްވައިޒަރު ޖެރެޑް ކުޝްނަރު ޕާކިސްތާނަށް ކުރަން ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރައްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު އިއުލާން ކުރައްވައިފިއެވެ.
ފޮކްސް ނިއުސްއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، 18 ގަޑިއިރުގެ ދިގު ދަތުރެއް ކޮށްފައި އެއްވެސް ނަތީޖާއެއް ނުނިކުންނަ މަޝްވަރާތަކެއްގައި ބައިވެރިވުމަށް އެ ބޭފުޅުން ފޮނުވަން ބޭނުންފުޅު ނުވާ ކަމަށެވެ.

Ad by Hajj Corporation
"އަޅުގަނޑު އަޅުގަނޑުގެ މީހުން ގާތު ބުނެފިން އެ ދަތުރު ނުކުރަން. ހުރިހާ ބާރެއް އޮތީ އަޅުގަނޑުމެންގެ އަތުގައި. އެމީހުން ބޭނުން އިރަކު އަޅުގަނޑުމެންނަށް ގުޅިދާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން އެކްސިއޯސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ފޯނުން ވެސް މި މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމަށާއި، އީރާނުން ބޭނުންނަމަ އެމެރިކާއަށް ގުޅޭނެ ކަމަށެވެ. އަދި މި ދަތުރު ކެންސަލް ކުރުމަކީ އަލުން ހަނގުރާމަ ފެށުން ނޫން ކަމަށާއި، އެކަމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވީ، އީރާނުގެ ލީޑަޝިޕްގެ ތެރޭގައި ބޮޑެތި މައްސަލަތަކާއި އޮޅުންބޮޅުންތަކެއް އެބަހުރި ކަމަށެވެ. "އެމީހުންގެ ތެރޭގައި އިސްކޮށް އުޅެނީ ކާކު ކަމެއް އެމީހުންނަކަށްވެސް ނޭނގޭ. ހުރިހާ ކާޑެއް އޮތީ އަޅުގަނޑުމެންގެ އަތުގައި، އެމީހުންގެ އަތަކު އެއްވެސް އެއްޗެއް ނެތް،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.
މި މަޝްވަރާތަކުގެ ފުރަތަމަ ބުރު މީގެ ދެ ހަފުތާ ކުރިން އިސްލާމްއާބާދުގައި ބޭއްވުނު ނަމަވެސް، ފެބްރުއަރީ 28 ގައި ފެށުނު ހަމަނުޖެހުންތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އީރާނުން ވަނީ އެމެރިކާއާއެކު ސީދާ މަޝްވަރާ ކުރުމަށް އިންކާރުކޮށް، އެމީހުންގެ ވާހަކަތައް ޕާކިސްތާން މެދުވެރިކޮށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.
މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އެންމެ ބޮޑަށް ހިޔާލުތަފާތުވުން އުފެދިފައިވާ ކަންކަމުގެ ތެރޭގައި ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލައާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ މައްސަލަ ހިމެނެއެވެ.


